02 Jan 2019, 12:34
ކޮލަމްބޯ(ޖެނުއަރީ 2): ލަންކާގެ ފުލުހުންގެ ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) އާއި ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް)އިން އާ އަހަރާ ދިމާކޮށް ކުރިއަށް ގެންދިޔަ ރޭޑެއްގައި 278 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
ފުލުހުން ބުނި ގޮތުގައި މިދިޔަ ހޯމަ ދުވަހު ދެހިވަލާއިން ފެނިފައި ވަނީ 3.3 ބިލިއަން ރުޕީސް (18،254،758 ޑޮލަރު)ގެ އަގު ހުރި ހެރޮއިންނެވެ. އަދި އެއީ ލަންކާގެ ތާރީހުގައި އެއް ފަހަރާ އެހާ ވަރަށް ގިނަ އަދަދަކަށް ހެރޮއިން ފެނުނު ފުރަތަމަ ފަހަރެވެ.
ފުލުހުން ބުނި ގޮތުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާ ގެ ފެނުނީ، މައުންޓް ލައިވިނިއާގައި ހުންނަ ގެއަކުން ނުވަ ކިލޯގެ މަސްތުވާތަކެއްޗާ އެކު ބަންގުލަދޭޝްއަށް ނިސްބަތްވާ ދެ މީހުން ހައްޔަރު ކުރުމުންނެވެ.
"ހައްޔަރު ކުރި އެކަކުގެ އަތުގައި ތަޅުދަނޑިފައްޗެއް އޮތް. އަޅުގަނޑުމެންނަށް އެނގުނީ އެއީ ދެހިވަލާގައި ހުންނަ ގެއަކަށް ހަދާފައިވާ ތަޅުދަނޑިފައްޗެއްކަން. އެ (ގޭގައި) ޕީއެންބީ އާއި އެސްޓީއެފް އިން ކުރިއަށް ގެންދިޔަ ރޭޑުގައި ހެރޮއިން އަޅާފައިވާ ޕެކެޓުތަކާއި ކޮންޓެއިނާތަކާއި ލަގެޖު ފޮށިތައް ފެނިފައިވޭ،" ފުލުހުންގެ ތަރުޖަމާނު އެސްޕީ ރުވާން ގުނަސެކަރާ ވިދާޅުވި އެވެ.
ގުނަސެކަރާ ވިދާޅުވި ގޮތުގައި ހައްޔަރު ކުރި ދެ މީހުން ލަންކާއަށް ދިޔައީ މިދިޔަ މަހުގެ 23ގައެވެ. އަދި ފުލުހުން ހޯދި ގެޔަކީީ މަސްތުވާތަކެތި ވިއްކުމަށް، އެފަދަ ތަކެތި އެތެރެ ކުރާ ފަރާތްތަކުން ކުއްޔަށް ހިފާފައިވާ ތަނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލަންކާއިން މީގެ ކުރިން އެއް ފަހަރާ އެންމެ ގިނަ އަދަދަކަށް ހެރޮއިން ފެނިފައި ވަނީ 2013 ވަނަ އަހަރެވެ. އެއީ 261 ކިލޯގެ ހެރޮއިންއެވެ.