03 Oct 2011, 17:14
އޮޑިޓް އޮފީހުގެ 16 މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފި އެވެ.
ވަޒީފާއިން ވަކިކުރި ބައެއް މުވައްޒަފުންނާއެކު ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށްފަހު އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނޭ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ވިދާޅުވީ، އޮޑިޓް އޮފީހުން އެމުވައްޒަފުން ވަކިކޮށްފައިވަނީ ވަޒީފާ އާއި ބެހޭ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި އެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ޒާތީ ވިސްނުން ކުރިއަށް ނެރެގެން ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އީސާ ވިދާޅުވި އެވެ.
"..އަޅުގަނޑަށް ފެންނަން ހުރި މައުލޫމާތު ތަކަށް ބުރަވެ ބުނަންޏާ އަޅުގަނޑަށް ވަރަށް ބޮޑަށް މަޖުބޫރުވޭ ]ވިދާޅުވާން[ އެބޭފުޅާ މިނިންމުން ނިންމާފައިވަނީ ޒާތީ ވިސްނުން ކުރިއަށްނެރެގެން ކަން. އަދި ހާއްސަކޮށް އެބޭފުޅާ ] ކުރިން އޮޑިޓް އޮފީހުގައި މަސައްކަތް ކުރެއްވި އިރުގައި ކުރީގެ އޮޑިޓާ ޖެނެރަލް އާ އެބޭފުޅާ އާ ޖެހުނު މައްސަލާގެ ރުޅިވެރިކަމުގެ ތެރޭގައި އޭރުގެ ހުންނެވި އޮޑިޓާ ޖެނެރަލް އިތުބާރު ކުރައްވާ ގާތް މުވައްޒަފުން އެތަނުން ވަކި ކުރުމަށް ސީދާ ފާޅުގައި ވިދާޅުވެ އެގޮތަށް އަމަލުކުރެއްވި ކަމަށް ބެލެވޭ ކަހަލަ ގޮތަކަށް އެބޭފުޅާ މިކަންތައް ކޮށްފައި ވަނީ." އޭނާ ވިދާޅުވި އެވެ.
އަދި އެއީ ވަރަށް "ނާތަހުޒީބު" އަމަލެއް ކަމަށާއި އެކަމާ ހިތާމަ ކުރާ ކަމަށް ވެސް އީދާ ވިދާޅުވި އެވެ.
އޮޑިޓް އޮފީހުން ސެޕްޓެމްބަރު 15 ވަނަ ދުވަހުން ފެށިގެން އަމަލު ކުރުމަށް ކަނޑައަޅާފައިވާ، ވަޒީފާގެ އާ އޮނިގަނޑުގައިވާ ގޮތުން ޖީސީއީ އޯލެވެލްގެ ދެ މާއްދާ އިން ސީ ގްރޭޑް ނުވަތަ އެ އަށްވުރެ މަތިން ފާސްވެފައި ނުވާ މުވައްޒަފުން އައު އޮނިގަނޑަށް ހިޖުރަކުރެވެން ނެތުމުން އެ މުވައްޒިފުން ވަޒީފާއިން ވަކިވާނެ ކަމަށް އަންގާފައިވެއެވެ.