މަޝްހޫރު ފިލްމީތަރި އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އާ ފިލްމު "ނަފްރަތުވުމުން"ގެ ޝޫޓިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޔޫއްޕެ "ސަން" އާ ވާހަކަދައްކަމުން ބުނީ ފިލްމުގެ ޝޫޓިން ނިންމާލީ ވަރަށް ފުރިހަމަކޮށް ކަމަށާއި މަސައްކަތް ނިންމާލަން ގަސްތުކުރި ތާރީހަށް ޝޫޓްކޮށް ނިންމާލެވުނު ކަމަށެވެ.

"ކާސްޓުންގެ ފުރިހަމަ އެއްބާރުލުން ލިބުނު. ވަރަށް ފުރިހަމަކޮށް ނިންމާލީ. ހިތްހަމަޖެހޭ ވަރަށް،"

ފިލްމުގެ ޝޫޓިން ނިންމާލިއިރު ދެ ލަވައެއް އަދި ޝޫޓްކޮށް ނުނިމޭކަމަށާއި އެ ލަވަތައް އަވަސް މުސްތަގްބަލެއްގައި ޝޫޓްކުރާނެ ކަމަށް ވެސް ޔޫއްޕެ ބުންޏެވެ.

ޔޫއްޕެ ވަނީ ފިލްމު "ނަފްރަތުވުމުން"ނާ އެކު އެހެން ފިލްމެއް ވެސް އިއުލާންކޮށްފައެވެ. އެއީ "ދައުވަތު"އެވެ.

"ދައުވަތު"ގެ %90 ޝޫޓްކޮށް ނިމިއްޖެ ކަމަށާއި ސްކްރީނަށް ފުރަތަމަ ގެންނަން ވިސްނާފައިވަނީ، " ނަފްރަތުވުމުން"ކަމަށް ވެސް އޭނާ ބުންޏެވެ.

މި ދެ ފިލްމަކީވެސް މިއަހަރު ތެރޭ ސްކްރީނުން ފެންނާނެ ދެ ފިލްމެވެ.

ބ. ދަރަވަންދޫގައި މަންޒަރުތައް ނަގާ "ދައުވަތު" އާއި "ނަފްރަތުވުމުން" ގެ ލީޑު ރޯލުންވެސް ފެންނާނީ މަރިޔަމް އައްޒަ އާއި އަލީ އާޒިމް (ދޮން އައްޔަ) އެވެ. އަދި "ނަފްރަތުވުމުން"ގެ މުހިއްމު ރޯލަކުން އަހުމަދު އީސަ(އާނަންދު) ފެންނާނެ ކަމަށް ޔޫއްޕެ ބުނާއިރު "ދައުވަތު"ގެ މުހިއްމު ރޯލަކުން އިރްފާނާ އިބްރާހީމް(އިރޫ) ފެންނާނެއެވެ.

"ނަފްރަތުވުމުން" އަކީ އަސަރުގަދަ ލޯބީގެ ވާހަކަ އަކަށް ތައްޔާތުކުރާ ފިލްމެކެވެ. ލޯބި ހޯދޭނީ ލޯބިންތޯ ނުވަތަ ލޯތްބަކީ ފައިސާ އާއި މުދާވެރިކަމުން ގަނެވޭނެ އެއްޗެއްތޯ އެ ފިލްމު ނިކަން ރަނގަޅަށް ސާބިތުކޮށްދޭނެ ކަމަށް ޔޫއްޕެ ބުންޏެވެ.

ފިލްމު "ދައުވަތު" ގެ ޕޯސްޓަރެއް...

"ދިރިއުޅުމުގެ ހާލަތު ދައްކުވައިދޭނެ. ދިރިއުޅުމުގައި ސަމާލުކަން ނުދެވި އެކަމަކު ސަމާލުކަންދޭންޖެހޭ މުހިއްމުކަމަށް އަލިއަޅުވާލާނީ. އެ މައްސަލައަށް ސަމާލުކަން ނުދިނުމުގެ ސަބަބުން ދިރިއުޅުމުގައި ދިމާވާ ހުރަސްތަކެއް ފިލްމުން ފެނިގެންދާނެ،" ޔޫއްޕެ ސަން އަށް ބުންޏެވެ.

މުޖުތަމައު އަށް ރަނގަޅު އިބްރަތްތެރި މެސެޖެއް މި ފިލްމުން ލިބިގެންދާނެ ކަމުގެ ޔަގީންކަން ޔޫއްޕެ ދެއެވެ.

އޭގެ އިތުރުން "ދައުވަތު" އަކީ މި ރާއްޖޭގައިވެސް ބޮޑުވެފައިވާ ސިހުރުގެ މައްސަލަތަކަށް ހަދާ ބިރުވެރި ފިލްމެކެވެ.

އަންނަ މަހުގެ ތެރޭގައިވެސް ޔޫއްޕެ ފިލްމެއް ސިނަމާއަށް އަންނާނެއެވެ. އެއީ ކޮމެޑީ ފިލްމު "40 ޕްލަސް" އެވެ. އެހެން ކަމުން ޔޫއްޕެގެ ތިން ފިލްމެއް ޖެހިޖެހިގެން މިއަހަރު ސިނަމާއަށް އަންނާނެއެވެ.