02 Jan 2019, 11:30
ފުލުހުންގެ މުއައްސަސާ ރިފޯމުކުރުމުގެ ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމަށް ގާއިމުކުރެވޭ "ރައްޔިތުންގެ ޚިޔާލު" އޮންލައިން ޕޯޓަލް މިއަދު އިފްތިތާހުކޮށްފިއެވެ.
އެ އޮންލައިން ޕޯޓަލް އިފްތިތާހު ކުރެއްވީ، މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މެނޭޖްމަންޓް ބޯޑުގައި، އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދެވެ.
ޕޯޓަލް އިފްތިތާހުކޮށްދެއްވުމަށް ފަހު އޭނާ ވިދާޅުވީ، މިޕޯޓަލްގެ ބޭނުމަކީ ރައްޔިތުންގެ ބައިވެރިވުމާއެކު، ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުން ކަމުގައެވެ. އަދި އެ ޕޯޓަލް މެދުވެރިކޮށް ފެބްރުއަރީ 15 އާއި ހަމައަށް ހުށަހެޅޭ ހިޔާލުތައް، ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުވުމުގައި ބޭނުންކުރެވިގެން ދާނެކަމަށް ވިދާޅުވިއެވެ.
އޭގެ ފަހުންވެސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނާނެކަމާއި، އެގޮތުން ހުށަހެޅޭ ހިޔާލުތައް މޮނީޓަރކޮށް ކަމާއި ގުޅުންހުރި ޑިޕާޓްމަންޓްތަކަށް އަންގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މިއަދު އިފްތިތާހުކުރި މި އޮންލައިން ޕޯޓަލްއަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ފުލުހުންނާއި އާންމުންގެ ހިޔާލު ލިބިގެން އެކުލަވާލެވޭ ޕޮލިސް ރިފޯމް ޕްރޮގްރާމްގެ މަސައްކަތުގެތެރޭގައި ހިމެނޭކަމެކެވެ.
އޮންލައިން ޕޯރޓަލް މެދުވެރިކޮށް ފުލުހުންގެ ވެބްސައިޓްwww.police.gov.mvއަދިwww.policelife.mvގެ ބޭނުން ހިފައިގެން ފުލުހުންގެ މުއައްސަސާ ރިފޯމްކުރުމަށް ރައްޔިތުން ބޭނުންވާ ހިޔާލުތައް ހުށަހެޅޭނެއެވެ.
ޕޮލިސް ރިފޯމް ޕްރޮގްރާމްގެ މަސައްކަތުގެ ތެރޭގައި އޮންލައިން ޕޯޓަލްގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ފޯކަސް ގްރޫޕް ބައްދަލުވުންތަކާއި ފޯރަމްތަކާއި އަދި ޕޮލިސް ރިފޯމް ސިމްޕޯސިއަމެއް ބޭއްވުމަށްވަނީ ހަމަޖެހިފައިިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެގޮތުން ފޯކަސް ގްރޫޕްތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެކަމާގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ދަޢުލަތުގެ މިނިވަން ބައެއް މުއައްސަސާތަކާއެކު ބައްދަލުވުންތަކެއްވެސް ބާއްވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.