ބެއިޖިންގް (ޖަނަވަރީ 2) : ދުނިޔޭގައި މިހާތަނަށް ބިނާކުރި އެންމެ ބިޔަ ޖާސޫސީ އެންޓަނާ ނިޒާމު ޗައިނާއިން ބިނާކޮށްފި އެވެ. "ވަޔަލެސް އިލެކްޓްރޯ މެގްނެޓިކް ސިސްޓަމް" ނުވަތަ (ޑަބްލިޔު އީ އެމް އެސް)ގެ ނަމުން ނަންދީފައިވާ މި ނިޒާމު ބިނާކޮށްފައި ވަނީ 37 ހާސް އަކަ ކިލޯ މީޓަރުގެ ބިމެއްގަ އެވެ. މިއީ އެމެރިކާގެ އެންމެ ބޮޑު އެއްސިޓީ ކަމަށްވާ ނިޔުޔޯކް ގެ ބިމުގެ ސައިޒަށްވުރެ ފަސްގުނަ ބޮޑު ބިމެކެވެ.

މިއީ ހަނގުރާމައިގެ ހާލަތުގައާއި އެނޫން ހާލަތްތަކުގައި ވެސް ސިއްރިޔާތުގައި ޖާސޫސުކުރުމާއި މައުލޫމާތު ހޯދުމާއި އެ މައުލޫމާތު ތަހްލީލްކޮށް ދިރާސާކުރުމުގެ ބޭނުމުގައި ގާއިމްކުރި ނިޒާމެކެވެ.

ޗައިނާގައި އިނގިރޭސިބަހުން ނެރޭ ނޫހެއްކަމަށްވާ "ސައުތު ޗައިނާ މޯނިންގް ޕޯސްޓް" ބުނާ ގޮތުން މި މަޝްރޫއު ބިނާކުރުމުގައި އެގައުމުގެ އެކި ދާއިރާތަކުގެ އިންޖިނޭރުންނާއި ސައެންޓިސްޓުންނާއި އެހީތެރިންނާ އަދި މަސައްކަތު މީހުން ގެ އެތައް ހާސްބަޔަކު ބައިވެރިވެފައިވާއިރު މި މަޝްރޫއު ނިންމާލުމަށް 13 އަހަރުގެ މުއްދަތެއްވަނީ ހޭދަވެފަ އެވެ. މީގެ އިތުރުން މި ނިޒާމު ފުރިހަމަކޮށް ކޮމްޕިއުޓަރައިޒް ކުރުމުގައި ވެސް ޗައިނާގެ ގިނަ ކުންފުނިތަކެއްގެ ހިއްސާ ހިމެނެ އެވެ.

ޗައިނާއިން ބިނާކުރި މި "ވަޔަލެސް އިލެކްޓްރޯ މެގްނެޓިކް ސިސްޓަމް" އާބެހޭ މާބޮޑު ތަފްސީލެއް އެގައުމުން ދީފައިނުވާއިރު މިއީ ދުނިޔޭގައި މިހާތަނަށް ގާއިމްކުރި އެންމެ ބިޔަ ކޮންޕްރެހެންސިވް އަދި ހައިޓެކް ނިޒާމުކަމަށް ހުޅަނގުގެ ސައެންސާބެހޭ މަޖައްލާތަކުން ވެސް ވަނީ ސިފަކޮށްފަ އެވެ.

މިނިޒާމުގެ ބައެއް ބައިތައް ބިމުގެ އަޑީގައިހުރި އިރު މިނިޒާމުގެ މަދާބޯޑްތަކާއި ސާވާތަކާއި އެނޫން ވެސް ހައްސާސް ބައިތައް ހުރި ލޮކޭޝަންތައް ވަނީ ސިއްރުކުރެވިފަ އެވެ. މި ނިޒާމުގައި ހިމެނޭ ސްޓްރެޓީޖިކް އެސެޓްތައް ހުރިކަމަށް ބެލެވިފައި ވަނީ ބިމުގެ އަޑީގަ އެވެ. ޖިއޮލޮޖީއާއި ސިސްމޮލޮޖީގެ ދިރާސާތައްކުރާ ޗައިނާގެ މައި މަޒުކަރުން ބުނެފައި ވަނީ މިއީ އަސްކަރީ ބޭނުންތަކުގެ އިތުރުން ބިންހެލުމާއި ސުނާމީ ފަދަ ގުދްރަތީ ކާރިސާތަކާއި ބިމާއި ކަނޑާ އަދި ޖައްވާ ގުޅިފައިވާ މަދަނީ ދިރާސާތައް ވެސް ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ނިޒާމެއްކަމުގަ އެވެ.

މި ނިޒާމުގައި ހިމެނޭ އެންޓަނާ ސްޓްރަކްޗާ އަށް ބޭނުންވާ ހައިވޯލްޓޭޖް އިލެކްޓްރިކް ކަރަންޓްގެ ވިޔުގަތައް އެ ސަރަހައްދުގެ އުތުރުން ދެކުނަށް އަދި އިރުން ހުޅަނގަށް ސަތޭކަ ކިލޯ މީޓަރުގެ ސަރަހައްދަކަށް ވުރެ ދުރަށް ދިގުދެމިގެން ގޮސްފައިވެ އެވެ. މި ނިޒާމުގެ އެންޓަނާތަކާއި ގްރިޑް ޓަވަރުތައް ބިނާކޮށްފައި ވަނީ އެކަތަ ނުވަތަ ސްޓީލް އިންނެވެ. އެކަތައިން ބިނާކޮށްފައިވާ އެ އެންޓަނާތަކުގެ ސާފޭސްގައި ވެސް އެތައް ސަތޭކަ އަކަ ކިލޯމީޓަރު ހުރެ އެވެ.

މިނިޒާމުގައި ބޭނުންކުރާ ވޭވްތަކުގެ ތެރޭގައި އަލްޓްރާ ލޯ ފްރިކުއެންސީ (އީއެލްއެފް) އާއި އެނޫންވެސް ރޭޑިއޯވޭވްތައް ހިމެނެ އެވެ.

ދުނިޔޭގެ ކަނޑުތަކުގައި ހަރަކާތްތެރިވާ ޗައިނާގެ އަސްކަރީ ސަބްމެރިންތަކާއި މަނަވަރުތައް ވެސް މި ނިޒާމުގެ އެހީގައި އެކަތި އަނެކެއްޗާ ވަޔަލެސްކޮށް ގުޅާލެވޭނެ އެވެ. މިގޮތުން ކަނޑުތަކުގެ ކިތަންމެ ފުނުގައި ސަބްމެރިންތައް ހަރަކާތްތެރިވި ނަމަވެސް ފެންމައްޗަށް ނާރައި އެތަކެތީގެ ހަރަކާތްތަކާއި އެއަށް ވާނުވާ މިނިޒާމުގެ އެހީގައި ބެލޭނެ އެވެ.

މި ނިޒާމާ ގުޅިފައިވާ ސެޓަލައިޓްތަކެއް ވެސް ޗައިނާގެ ފަޒާއާ ބެހޭ އިދާރާ އިން ދާދަފަހުން ވަނީ ޖައްވުގައި ބަހައްޓައިފަ އެވެ. މިސެޓަލައިޓްތަކުގެ އެހީގައި ދުޝްމަނުންގެ ހަރަކާތްތައް ބެލޭނެ އެވެ. ޗައިނާގެ ބިޔަ ޖާސޫސީ އެންޓަނާ ނިޒާމު ބިނާކޮށްފައިވާ ތަން އެގައުމުން ހާމަ ނުކުރި ނަމަވެސް އެނިޒާމު ހުރިކަމަށް ބެލެވިފައި ވަނީ އެގައުމުގެ މެދުތެރޭގެ ސަރަހައްދެއްކަމަށްވާ ހުވާޒްހުންގް ގަ އެވެ.

މި ސަރަހައްދުގައި މީހުން ދިރިނޫޅުނު ނަމަވެސް މިސަރަހައްދުގެ ވަށައިގެންވާ ސިޓީތަކާއި އަވަށްތަކުގައި 230 މިލިޔަން މީހުން ދިރިއުޅެ އެވެ. މިއީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއްގައުމު ކަމަށްވާ ބްރަޒިލްގެ އާބާދީއަށްވުރެ ބޮޑު އާބާދީއެކެވެ.

މި އެންޓަނާ ނިޒާމުގައި ހިމެނޭ ސްޓްރެޓީޖިކް ބައިތަކާއި އެބައިތަކުގައި ޝާމިލްވާ ސްޓްރެޓީޖިކް އެސެޓްތަކާ ބެހޭ އެއްވެސް މައުލޫމާތެއް ޗައިނާއިން ހާމަކޮށްފައެއްނުވެ އެވެ. (ނޫސްއެޖެންސީތައް)