މޮސްކޯ (އޮކްޓޯބަރު 3) : ދުނިޔޭގެ ތަންތަން ދެނެގަތުމަށް އެމެރިކާ ތަރައްޤީ ކޮށްފައިވާ ޖީ.ޕީ.އެސް. ނިޒާމާ ވާދަކުރުމަށް ރަޝިޔާ ތަރައްޤީ ކުރަމުންގެންދާ "ގްލޯނަސް" ނިޒާމުގައި ބޭނުންކުރާނެ އާ ސެޓަލައިޓެއް ރަޝިޔާއިން ޖައްވަށް ފޮނުވާލައިފި އެވެ. މިސެޓަލައިޓް ފޮނުވާލާފައި ވަނީ މޮސްކޯގެ އުތުރުން 800 ކިލޯމީޓަރު ދުރުގައިވާ ބިލީތިސްކް ޖައްވީ ސްޓޭޝަނުން މިއަދު ހެނދުނު އުދުއްސާލި ސޮޔޯޒް ރޮކެޓެއްގަ އެވެ.

މިއީ މިދިޔަ އޮގަސްޓް މަހު ރަޝިޔާގެ ޖައްވީ އުޅަނދު "ޕްރޮގްރެސް އެމް 12 އެމް" ހަލާކުވެދިޔަ ޙާދިޘާއަށްފަހު ސޮޔޯޒް ރޮކެޓެއް ޖައްވަށް އުދުއްސާލި ފުރަތަމަ ފަހަރެވެ. ރަޝިޔާގެ "ގްލޯނަސް" ނިޒާމު އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ރަޝިޔާއިން ޖައްވަށް ފޮނުވާލި ސެޓަލައިޓްގެ ސަބަބުން އެމެރިކާގެ ޖީ.ޕީ.އެސް ނިޒާމާ ވާދަކުރުމުގެ ވަރަށް ބޮޑު ޤާބިލްކަމެއް ރަޝިޔާގެ "ގްލޯނަސް" ނިޒާމަށް ލިބިގެންދާނެ އެވެ.

ރަޝިޔާއިން "ގްލޯނަސް" ނިޒާމް ތަރައްޤީ ކުރަނީ އެމެރިކާގެ ޖީ.ޕީ.އެސް ނިޒާމާއި ޔޫރަޕްގެ "ގެލިޔަލޯ" ނިޒާމާ ވާދަކުރުމަށެވެ. މިނިޒާމް ތަރައްޤީ ކުރުމަށްޓަކައި މިހާތަނަށް ހަތަރު ސެޓަލައިޓް ރަޝިޔާއިން ޖައްވަށް ފޮނުވާލާފައިވެ އެވެ.
މި ސެޓަލައިޓްތަކަށް 152 މިލިޔަން ޑޮލަރު ރަޝިޔާއިން ޚަރަދުކޮށްފައިވެ އެވެ. ރަޝިޔާ ވަނީ މިއަހަރު ނިމުމުގެ ކުރިން މިނިޒާމް ތަރައްޤީ ކުރުމަށްޓަކައި އިތުރު 4 ސެޓަލައިޓް ޖަށްވަށް ފޮނުވުމަށް ނިންމާފަ އެވެ. (އިންޓާފެކްސް)