02 Jan 2019, 09:16
ބޮލީވުޑްގެ ކާމިޔާބު ބަތަލު އަނިލް ކަޕޫރާއި އޭނާގެ ދަރިފުޅު، ބަތަލާ ސޯނަމް ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "އޭކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
ފިލްމުގެ ޓްރެއިލާ ރިލީޒްކުރިތާ ހަ ދުވަސްތެރޭ 15 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ޓްރެއިލާ ބަލާފައެވެ.
ޓްރެއިލާއިން ޝައުގުވެރި ގިނަ މަންޒަރުތަކެއް ފެނިގެންދިޔައިރު އެ ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.
ކާމިޔާބު ބަތަލާ ޖޫހީ ޗާވްލާ ސޯނަމްގެ މަންމަގެ ރޯލުން މި ފިލްމުގައި ފެނިގެންދާ އިރު ސޯނަމްގެ ބައްޕަގެ ރޯލުން ފެނިގެންދާނީ އޭނާގެ އަސްލު ބައްޕަ އަނިލް އެވެ. ރާޖްކުމާރް ރާއޯ ވެސް ފިލްމުގައި ހަރަކާތްތެރިވާއިރު އޭނާގެ ރޯލަކީ ސޯނަމްގެ ލޯބިވެރިއެއްގެ ރޯލެވެ.
ޝެލީ ޗޯޕްރާ ދަރް ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމު ޕްރޮޑިއުސްކުރަނީ ރާޖްކުމާރު ހިރާނީ އަދި ވިދޫ ވިނޯދް ޗޯޕްރާއެވެ.
ސޯނަމް އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ "ވީރޭ ދި ވެޑިން" އިންނެވެ.
މި ފިލްމަކީ ޖޫހީ ވެސް ގިނަ ދުވަސްތަކަކަށްފަހު ސްކްރީނުން ފެނިގެންދާ ފިލްމެކެވެ.