02 Jan 2019, 09:13
ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ސަރުކާރުގެ ލީގަލް އެފެއަރސް މިނިސްޓަރު، އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައިސާ އައިޝަތު އާޒިމާ ޝަކޫރު އަނެއްކާވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ މުއަސަސާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އިއްޔެ ހަވީރު 4:00ގައި އާޒިމާ ފުލުސް އޮފީހަށް ހާޒިޒުކޮށްފައިވާ ކަަމަށެވެ.
އާޒިމާ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް މިފަހަރުވެސް ފުލުހުން ނުބުނެއެވެ. އަދި ތަހްގީގު ކުރެވެމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ވާތީ އިތުރު ތަފްސީލެއް ވެސް ފުލުހުން ނުދެއްވައެވެ.
ފުލުހުންގެ އިދާރާއަށް ހާޒިރުކުރި މައްސަލައިގައި އާޒިމާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
އިއްޔެ އާޒިމާ ފުލުސް އޮފީހަށް ހާޒިރުކޮށްފައި މިވަނީ، މިދިޔަ އާދިއްތަ ދުވަހުވެސް އެ އިދާރާއަށް އޭނާ ހާޒިރުކޮށްފައި ވަނިކޮށެވެ.
އާދިއްތަ ދުވަހު އާޒިމާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މަނީލީންޑަރ ކުރުމުގައި އެހީތެރިވެދިން ކަމުގެ ތުހުމަތުގައި އާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުރި އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ފައިސާ އެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އެންމެ ގިނައިން ވަދެވަފައިވާ އެސްއޯއެފްގެ އެކައުންޓުންނެވެ.