01 Jan 2019, 20:39
ޔޫކްރޭނުގެ ހަތަރު ސަރަހައްދެއްގައި ރަޝިއާއިން އިސްވެ ނެގި ވޯޓަކުން، އެ ހަތަރު ސަރަހައްދުން ވެސް ބޭނުންވަނީ ރަޝިއާއާ ގުޅުމަށްކަމަށް ދައްކައިފި އެވެ.
ޔޫކްރޭނުގެ ދެކުނާއި އިރުމަތީގެ ހަތަރު ސަރަހައްދެއްގައި ނެގި ވޯޓުތަކުން ދައްކާގޮތުގައި އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުންގެ މެޖޯރިޓީ ބޭނުންވަނީ ރަޝިއާއާ ގުޅުމަށެވެ. މިގޮތުން ބައެއް ސަރަހައްދުތަކުގެ 90 އިންސައްތައަށްވުރެ ގިނަ މީހުން ރަޝިއާއާ ގުޅުމަށް ތާއިދުކޮށް ވަނީ ވޯޓު ދީފައެވެ.
ހުޅަނގުގެ ގައުމުތަކުން ބުނާގޮތުގައި ރަޝިއާއިން މި ސަރަހައްދުތަކުގައި ކުރިއަށްގެންދިޔަ ވޯޓުތަކަކީ އެއްވެސް ހަމައެއް ނެތި ކުރިއަށް ގެންދިޔަ ވޯޓުތަކެކެވެ. އަދި ބޮޑު މެޖޯރިޓީއަކުން ރަޝިއާއާ ގުޅުމަށް ބޭނުންވުމަކީ މި ވޯޓުގެ ސައްޙަކަމާމެދު ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
ޔޫކްރޭނުގެ މި ހަތަރު ސަރަހައްދަކީ ރަޝިއާ ސިފައިންގެ ބާރުގެ ދަށުގައިވާ ހަތަރު ސަރަހައްދެވެ. ވޯޓުގެ ނަތީޖާ އާންމުވުމާއެކު މި ސަރަހައްދުތަކަކީ ރަޝިއާގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅުމަށް އެ ސަރަހައްދުތަކުގެ އިސްވެރިން ރަޝިއާގެ ވެރިރަށް މޮސްކޯއަށް ވަނީ ދަތުރު ފަށާފައެވެ.
ބެލެވޭ ގޮތުގައި މި ސަރަހައްދުތަކަކީ ރަޝިއާގެ ބައެއްގެ ގޮތުގައި ޕޫޓިން ކަނޑައަޅުއްވާނެއެވެ. އަދި އޭގެ ފަހުން އެ ސަރަހައްދުތައް އަނބުރާ ނެގުމަށް ޔޫކްރޭނުން ކުރާ ކޮންމެ މަސައްކަތަކީ ރަޝިއާގެ ބިމަށް އަރައިގަތުމަށް ޔޫކްރޭނުން ކުރާ މަސައްކަތެއްގެ ގޮތުގައި ރަޝިއާއިން ދެކި، ހަނގުރާމަ އިތުރަށް ވަރުގަދަ ކުރާނެކަމަށް ބެލެވެއެވެ.
ރަޝިއާގެ ރައީސް ޕޫޓިން ވަނީ ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެކަމުގެ އިންޒާރެއް ދީފައެވެ. މި އިންޒާރާއެކު އެމެރިކާއިން ވަނީ މިހާރަށްވުރެ ހަރުކަށި ފިޔަވަޅުތައް ރަޝިއާއާ ދެކޮޅަށް އަޅާނެކަމަށް ބުނެފައެވެ.
ހަމައެހެންމެ، ޔޫރަޕުގެ އިއްތިހާދުގައި ހިމެނޭ 27 ގައުމުންވެސް ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޔޫރަޕިއަން ކޮމިޝަނުގެ ރައީސް އުރްސުލާ ވަނީ އެދިވަޑައިގަންނަވާފައެވެ.
ރަޝިއާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމުން ދުނިޔޭގެ އިގުތިސާދަށް ބޮޑެތި ލޮޅުންތައް ވަނީ އައިސްފައެވެ. ޚާއްސަކޮށް ޔޫރަޕުގެ އިގުތިސާދަށް ބޮޑެތި އަސަރުތަކެއް މިހާރުވެސް ކުރަމުންދެއެވެ.