01 Jan 2019, 17:41
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އިތުރަށް މަސައްކަތް ކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އާ އަހަރުގެ ތަހުނިޔާއާއެކު މިނިސްޓަރު އިއްޔެ ދެއްވި ހިތާބުގައި ވިދާޅުވީ ދެހާސް އަށާރަ ވަނަ އަހަރު ދިވެހިން އިހްތިފާލުކުރީ އުއްމީދުން ފުރިގެންވާ އާ ފަތިހެއް އަޅުގަނޑުމެންނަށް މަރުހަބާ ކިޔަމުން ކަމަށެވެ.
"2019 ވަނަ އަހަރު، އަޅުގަނޑުމެން ދިވެހިން އެކުރި އުއްމީދުތައް ހާސިލްކޮށްދިނުމަށް އިތުރު މަސައްކަތްތައް ކޮށްދިނުމުގައި ދެމިތިބޭނަން. ހަމައެއާއެކު ރާއްޖެއިން ބޭރުގައި ދިރުއުޅޭ ދިވެހިންނަށް ދިމާވާ ކަންތައްތައް ހައްލުކޮށްދިނުމުގައި އިރުރަށް މަސައްކަތް ކުރާނަން." ޝާހިދު ވިދާޅުވިއެވެ.
ދިވެހިން އާންމުކޮށް ގޮސްއުޅޭ އިންޑިއާ ލަންކާ އަދި މެލޭޝިއާގައި މިހާރުވެސް ޑިޕްލޮމެޓިކް މިޝަންތައް ހުރެއެވެ. އަދި އެ ގައުމުތަކުގައި އުޅޭ މީހުންނަށް އެ މިޝަންތައް މެދުވެރިކޮށް ތަފާތު ގިނަ ކަންކަމުގައި މިހާރުވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޝާހިދު ވިދާޅުވީ އިންސާނީ ހައްގުތަކާ ޑިމޮކްރަސީއާ ތިމާވެއްޓަށް އަންނަ ބަދަލުތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަރިޖީ ސިޔާސަތުގެ އެންމެ ބޮޑު ތަނބުތައްކަމަށާއި އަދި ރާއްޖެ އާއި ރަހުމަތްތެރިކަން އޮތް ގައުމުތަކާއި ޒަމާންވީ ރަހުމަތްތެރިންނާއި ގުޅުން ބަދަހިކުރާނެ ކަމަށެވެ. އަދި އާ ރަހުމަތްތެރި ގައުމުތައް ހޯދުމުގައިވެސް އިސްކަން ދޭނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއާ އިންޑިއާއޮތް ގުޅުން ގޯސްވި ނަމަވެސް އާ ސަރުކާރުން ދަނީ އިންޑިއާއާއެކު ވަރަށް ބޮޑަށް ގުޅުން ބަދަހިކުރަމުންނެވެ. އަދި ފާއިތުވި ދައުރުގައި ކޮމަންވެލްތުން ވަކިވެ، ގަތަރު އަދި އީރާންއާވެސް ރާއްޖެއިން ވަނީ ސިޔާސީ ގުޅުން ކަނޑާލައިފައެވެ. ޝާހިދު ވިދާޅުވީ އެ ދެގައުމާ އަލުން ގުޅުން ގާއިމްކުރުމަށް މިހާރު ނިންމައިފައިވާ ކަމަށެވެ. އަދި ސަރުކާރުން ވަނީ ކޮމަންވެލްތާ އަލުން ގުޅުމަށް ރަސްމީކޮށް ހުށަހަޅައިފައެވެ.