ގއ. މާމެންދޫގައި އަލަށް ހަދާފައިވާ ބީޗް ސަރަހައްދުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އެކަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފި އެވެ.

މިއަދު މާލެ ފޮނުވާލާފައި ވަނީ ރޭގެ އެކްސިޑެންޓުގައި ނިޔާވި، ގއ. ވިލިނގިލި، ރިޔާޒު، އުމުރުން 32 އަހަރުގެ އަފްޟަލް ޔާސިރު ދުއްވަން އިން ސައިކަލު ފަހަތުގައި އިން އެ ރަށު އުމުރުން 20 އަހަރުގެ އައްފާހު އަފީފެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ އައްފާހު މާލެ ފޮނުވާލާފައި ވަނީ ސީޓީ ސްކޭން ހެދުމަށެވެ.

މާމެންދޫގައި ރޭ އެކްސިޑޭންޓު ހިނގީ 8:14 އެހައިކަންހާއިރު އެވެ. އެ އެކްސިޑެންޓު ހިނގީ ދެ ސައިކަލު ޖެހިގެންނެވެ. އެ ހާދިސާގައި އިތުރު މީހަކަށް އަނިޔާވި ނަމަވެސް އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.