03 Oct 2011, 13:14
މޯލްޑިވްސް އެސޯސިއޭޝަން ފޯ ދި އެޑްވާންސްޑް ސައިންސް (މާސް) އާއި ފުވައްމުލަކު ފުނާޑު ކައުންސިލް ގުޅިގެން ފުވައްމުލަކުގެ ސްކޫލްތަކުގައި ކުރިއަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއްގައި ހެއްދެވި ފަރާތެއް ނުވާ ކަމަށް ބުނެ މައުލޫމާތު ދީފައިވާ ކަމަށް ބުނެ އަދާލަތުން އެ އެޖަމިއްޔާ ކުށްވެރިކޮށްފި އެވެ.
އަދާލަތުގެ ފުވައްމުލަކު ގޮފިން ނެރުނު ބަޔާނުގައި ބުނަނީ ފުވައްމުލަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށް އެޖަމިއްޔާގެ ފަރާތުން މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލްވުންތަކުގައި، ޑާވިންސް ތިއަރީއާއި ހަވާލާދީ ﷲ ސުބުހާނަހޫ ވަތައަލާ މާތްކުރެއްވި އިންސާނުންނަކީ ރާމާމަކުނުން ކަމަށް ބުނެފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.
އެކަން ދަރިވަރުންނަށް ވިސްނައިދޭން މަސައްކަތްކޮށް އިންސާނުން އުފެދުނީ ހެއްދެވި ފަރާތެއް ނެތި "އޮޓޮމެޓިކުން" ކަމުގައި ބުނެ އިންސާނީ ބުއްދިއަށް މަލާމާތްކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
"ބިގް-ބޭންގް ތިއަރީ އާއި ކުއަންޓަމް ތިއަރީ އާއި ރިލޭޓިވިޓީ ތިއަރީ ގެ ނާޖާއިޒް ގޮތުގައި ބޭނުންކޮށް، ދުނިޔެއާއި ކައުނާއި ކައުނުގައި ވާހާ އެއްޗެއް މިހާ ފުރިހަމަޔަށް ތަރުތީބުން އުފެދިގެން އައީ، ހެއްދެވި ފަރާތެއް ނެތި އަމިއްލަ ޒާތުގައި ކަމަށް މިޖަމްޢިއްޔާގެ މީހުން ބުނެފައިވެއެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން މާސްގެ މެންބަރުންގެ ހަމަނުޖެހޭ ވާހަކަތައް ދަރިވަރުން ގަބޫލުނުކުރުމުން ދަރިވަރުންނަކީ ސައިންޓިފިކް ބައެއް ނޫންކަމަށް ދޭހަވާގޮތަށް ވަނީ ވާހަކަދައްކާފަ ކަމަށާއި ހަގީގީ ސައިންސާއި ސައިންޓިފިކް ތިއަރީސްތަކުގެ ދަރަޖަ އޮޅުވާލައި، ސައިންޓިފިކު ތިއަރީ ތަކަކީ ސައިންޓިފިކު ގާނޫނުތަކަށް ވުރެ މަތީއެއްޗެއް ކަމަށް ބުނެ ސައިންސަށް ވެސް ޙިޔާނާތްތެރިވެފައި ވާކަމަށް އެ ބަޔާނުގައި ވެއެވެ.
"މާސް އިން ހިންގާފައިވާ ޢަމަލަކީ ފުވައްމުލަކުގެ ކިޔަވާކުދިން މަގުފުރެއްދުމަށް ހިންގާފައިވާ ޣައިރު ޤާނޫނީ ޢަމަލެއް ކަމަށް ބުނެ މިމައްސަލާގައި ކުށްވެރިވާ ބަޔަކާމެދު ފިޔަވަޅު އެޅެންދެން ނުވަތަ ދިވެހިރާއްޖޭގެ ޝަރުޢީ މަރުހަލާ ނިމެންދެން، މަސައްލަ ދޫނުކުރާނެކަމުގެ ޔަގީންކަން ފުވައްމުލަކުގެ ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމަށެވެ." ނޫސްބަޔަނުގައި ވެއެވެ.
އެނޫސްބަޔާނާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން ފޯ ދި އެޑްވާންސް ސައިންސް (މާސް) ގެފައުންޑަރ މެމްބަރު އާހިދު ރަޝީދު މިއަދު ވިދާޅުވީ، އަދާލަތުން ތުހުމަތުކޮށްފައި އެވާ އެއްވެސް ވާހަކައެއް އެބައްދަލްވުން ތަކުގައި ނުދައްކާ ކަމަށެވެ.
އަދި ސައިންޓިފިކުގޮތުން ޑާވިން ތިއަރީ އޮތްގޮތުގެ ވާހަކަތަށް އޮޅުން ފިލުވައިދިންނަމަވެސް ހެއްދެވި ފަރާތެއްނުވާކަމަށް ބުނެ މައުލޫމާތު ދީފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިބައްދަލްވުންތައް ސިލްސިލާ ގޮތަށް ކުރިއަށް ގެންދިޔައިން މިފަދަ ވާހަކައެއް ދެއްކިކަމަށް މީގެކުރިން އަޅުގަޑުމެން އަޑެއްނާހަން ކުއްލިއަކަށް މިފަދަ ވާހަކަތަކެއް އައި ގޮތެއް އަޅުގަނޑަކަށް ނޭގޭ. އަޅުގަނޑުމެން ދީނީ ކަންތަކާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކައިފައެއް ނޯންނާނެ" އާހިދު ވިދާޅުވި އެވެ.