މެނީލާ (ޖެނުއަރީ 1): ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓެ ފުރާވަރު އުމުރުގައި މެއިޑަކަށް ޖިންސީ ގޯނާ ކުރި ކަމަށް އެއްބަސްވުމުން ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ދެއްވި ތަގުރީރެއްގައި ޑުޓާޓޭ ވަނީ އޭނާގެ ގޭގައި ދިރިއުޅުނު މެއިޑަކު ނިދާފައި އޮއްވާ އޭނާގެ ކޮޓަރިއަށް ވަދެ، ދެ ފަހަރެއްގެ މަތިން ޖިންސީ ގޯނާ ކުރި ގޮތް ތަފްސީލުކޮށްދީފަ އެވެ.

އޭގެ ސަބަބުން އަންހެނުންގެ ހައްގުތަކަށް މަސައްކަތް ޖަމާއަތްތަކުން ވަނީ ޑުޓާޓޭއަށް ފާޑު ކިޔާފަ އެވެ. އަދި އެފަދަ ވާހަކަތަކުން ދައްކުވައިދެނީ ޑުޓާޓޭއަކީ "ރައީސްކަމަށް ކުފޫ ހަމަ ނުވާ ފަރާތެއްކަން" ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ދަ ކޯލިޝަން އެގެންސްޓް ޓްރެފިކިން އިން ވިމެން- އޭޝިއާ ޕެސިފިކުން ވަނީ ގައުމުގެ ރައީސް ޖިންސީ ގޯނާއާ ބެހޭ ގޮތުން އެގޮތަށް ވާހަކަ ދެއްކެވުމަކީ އެފަދަ އަމަލުތަކަށް ހިތްވަރު ދިނުން ކަމަށް ބުނެފަ އެވެ.

އެފާޑުކިޔުންތަކާ ގުޅިގެން ޑުޓާޓޭގެ ތަރުޖަމާނު ވަނީ ރައީސް ދެއްކެވި ވާހަކައަކީ މުޅިން ތެދު ނޫން ވާހަކައެއް ކަމަށް ވިދާޅުވެފަ އެވެ.