ބޭންކޮކް (ޖެނުއަރީ 1): ތައިލޭންޑުގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯން ރަސްމީކޮށް ރަސްކަމަށް އިސްކުރުން މިއަހަރުގެ މެއި މަހު އޮންނާނެ ކަމަށް ޝާހީ ގަނޑުވަރުން އިއުލާންކޮށްފި އެވެ.

ދެހާސްސޯޅަ ވަނަ އަހަރު ރަސްގެފާނު ބޫމިޕޮން އަދުންޔަދޭ އަވަހާރަވުމާ ގުޅިގެން އޭރުގެ ވަލީއަހުދު ވަޖިރަލޮންކޯން ގެންދަވަނީ ގައުމުގެ ރަސްގެފާނުކަން ކުރައްވަމުންނެވެ. ނަމަވެސް ރަސްމީގޮތެއްގައި ވަޖިރަލޮންކޯން ތަހުތަށް އިސްކުރާނީ މެއި މަހު ހަތަރެކުން ހަޔަކަށް ބާއްވާ ރަސްމިއްޔާތެއްގައެވެ.

އެރަސްމިއްޔާތު ބާއްވަނީ އަންނަ މަހު އެގައުމުގައި ބާއްވަން ހަމަޖެހިފައިވާ އާންމު އިންތިހާބަށްފަހުގައެވެ. އެއީ 2014 ވަނަ އަހަރު އެގައުމުގައި އަސްކަރީ ވެރިކަމެއް ގާއިމުކުރި ފަހުން ބާއްވާ އެފަދަ ފުރަތަމަ އިންތިހާބެވެ.

ވަޖިރަލޮންކޯން ރަސްކަމަށް އިސްކުރުން ލަސްކުރީ ރަސްގެފާނު ބޫމިޕޮން އަވާހަރަވުމުން އެކަމުގެ ހިތާމައިގައެވެ.