01 Jan 2019, 11:13
ބޮލީވުޑުގައި ގިނަ އަހަރުތަކެއް ވަންދެން ތަފާތު މަސައްކަތްތައް ކޮށްފައިވާ އެކްޓަރު ކާދަރު ޚާން މަރުވެއްޖެއެވެ.
އުމުރުން 81 އަހަރުގެ ކާދަރު ރޭ ފަތިހުގެ ވަގުތެއްގައި މަރުވީ ކެނެޑާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދަނިކޮށެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓު ކުރީ ނޭވާލާން އުނދަގޫވުމުގެ ސަބަބުންނެވެ.
ކާދަރުގެ ދަރިފުޅު ސަރުފަރާޒް ބުނި ގޮތުގައި އޭނާ މަރުވީ އިއްޔެ މެންދުރު ފަހު ކޯމާއަކަށް ދިޔަ ފަހުންނެވެ. އަދި ކާދިރަށް ހޮސްޕިޓަލުގައި ފަރުވާދޭތާ މިހާރު 16 ނުވަތަ 17 ހަފްތާ ވެއްޖެ އެވެ.
މިދިޔަ އަހަރު ކާދަރު ވަނީ ކަކުލުގެ އޮޕަރޭޝަނެއްކޮށްފައެވެ. ޚަބަރުތައް ބުނާ ގޮތުން އޮޕަރޭޝަން ގޯސްވެ، އޭގެ ފަހުން ކާދަރަށް ރަނގަޅަށް ނުހިނގެއެވެ.
ކާބުލް އަށް އުފަން ކާދަރު ބޮލީވުޑަށް ނުކުތީ 1973 ވަނަ އަހަރު ރިލީޒްކުރި ރާޖޭޝް ކަންނާގެ ފިލްމު 'ދާގް' އާއެކުއެވެ. އެއަށްފަހު އޭނާ ވަނީ ފިލްމީ ކެރިއަރު ނިންމާލުމާ ހަމައަށް 300 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި 'މުޖްސެ ޝާދީ ކަރޯގީ'، 'ޖީނާ ސިރްފް މޭރޭ ލިޔޭ'، 'ޖޯރޫ ކާ ގުލާމް'، އަދި 'ބެނާރަސީ ބާބޫ' ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ.
އެކްޓަރެއްގެ އިތުރުން ކާދަރަކީ ފާހަގަކޮށްލެވޭ ސްކްރީން ރައިޓަރެކެވެ. ފިލްމީ ދާއިރާ އާއި ދުރަށް ޖެހުމަށް ފަހު ކާދިރު ދިރިއުޅެމުން ދިޔައީ އޭނާގެ ދަރިފުޅާ އެކު ކެނެޑާގައެވެ.