އިސްލާމިކް މިނިސްޓަރު ކަމުން މިއަދު އިސްތިއުފާދެއްވި ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އަކީ ސަރުކާރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ނަމޫނާ ޝަހުސިއްޔަތެއް ކަމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ. މަޖީދުގެ އިސްތިއުފާއާ ގުޅޭ ގޮތުން ޒުހެއިރު މިއަދު ވިދާޅުވީ، އިސްތިއުފާގެ ސިޓީ ލިބިވަޑައިގަތުމުން ވަރަށް ހައިރާންވެވަޑައިގެންނެވި ކަމަށެވެ. އެ ސިޓީ އޮތީ ރައީސްގެ މޭޒުކޮޅުގައި ކަމަށާއި ސިޓީ އެމަނިކުފާނަށް ރައްދުވާ ހިސާބުން ޑރ. މަޖީދު ގާނޫނީ ގޮތުން މިނިސްޓަރުކަމުން ވަކިވެވަޑައިގަންނަވާނެ ކަމަށް ވެސް ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.

އަދި ޑރ. މަޖީދު ވަނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ކަމަށާއި އޭނާއަކީ "ނަމޫނާ ޝަހުސިއްޔަތެއް" ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.

"އަޅުގަނޑު ފާހަގަކޮށްލަނީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އާއި އެޕާޓީއާ ގުޅުން ހުރި އެހެން ސިޔާސީ އެހެން ފަރާތްތަކާ މެދު ސިޔާސީ ހިޔާލުތަފާތުވުންތަކާއި އެކަހަލަ ކަންކަން މެދުވެރިވާ ފަހަރުފަހަރު ވެސް އެމަނިކުފާނު ]ޑރ. މަޖީދު[ ވަނީ ކެތްތެރިކަން އިސްކުރައްވާ، ވަރަށް ކެތްތެރިކަމާއެކު ދެމިހުންނަވައިގެން ސަރުކާރުގެ ސިޔާސަތު ކުރިއަށް ނެރެދެއްވައި، ސިޔާސަތުތަކާ އެއްގޮތަކަށް ކަންތައްތައް ކުރިއަށްގެންދަވައިފަ،" ޒުހެއިރު ވިދާޅުވި އެވެ.

ދީނީ އެއްބައިވަންތަކަމުގެ ގަވައިދު ނެރުއްވުމަށް ޑރ. މަޖީދު ކުރެއްވި މަސައްކަތް ހާއްސަ ގޮތެއްގައި ޕްރެސް ސެކްރެޓަރީ ފާހަގަކުރެއްވި އެވެ.

"ދީނީ އެއްބައިވަންތަ ކަމުގެ ގަވައިދު އެކުލަވާލުމުގައި ވަރަށް ގިނަ ފަހަރަށް ސިޔާސީ އެކިއެކި ކަހަލަ ކަންތައް ދިމާވި އިރުގައިވެސް ސަރުކާރުގެ މިނިސްޓްރީއަކުން އެކަން ކުރަންވަން ޖެހޭ ގޮތައް، ސަރުކާރުގެ ސިޔާސަތުތައް ދަމަހައްޓަވައިގެން އެމަނިކުފާނު ]ޑރ. މަޖީދު[ ނިންމަވާލަދެއްވި މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އެކަން ފާހަގަކުރައްވާ،" ޒުހެއިރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރުގެ މަގާމަށް އެހެން ބޭފުޅަކު ވަރަށް އަވަހަށް އައްޔަންކުރައްވާނެ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.