10:00


މާލޭން ފުރައިގެން އދ.މަހިބަދޫ އަށް ދާން އޮތް ފެރީއަކަށް މީހުން އަރަން ޖެހޭ ވަރަށް ވުރެ ގިނައިން މީހުން އަރަން އުޅެގެން އެކަން މަނާ ކުރުމުން މީހުން ތައް ރުޅި އައިސްގެން ފެރީ ފުރިޔަނުދީ ހިފަހައްޓައިފި އެވެ.


މާލެ ހުޅުމާލޭ ފެރީ ޓާމިނަލްގައި ހުރި މީހަކު ބުނީ މިއަދު ހެނދުނު ނުވައެއް ޖަހާއިރު މާލޭން މަހިބަދޫއަށް ދާން ފުރަން އޮތް އެމްޓީސީސީގެ ފެރީ އަށް އެރޭނީ 101 މީހުންނަށް ކަމަށެވެ. އެހެންނަމަވެސް އިތުރަށް 25 ހަކަށް މީހުން ކުޑަކުދިންނާއި އަންހެނުންނާ އެކު ފެރީއަށް އަރަން އައިސް ތިބި ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންނަމަވެސް ޖާގަ ފުލްވެފައި ވާތީ އެރެން އޮންނަ ވަރަށް ވުރެ އިތުރަށް މީހުންއެރުން މަނާކުރުމުން އެތަނުން އެކަކު ރުޅިއައިސްގެން ގަދަހާދާލާފައި އޭނާ ނުލާ ނުފުރޭނެ ކަމަށް ބުނެ ފެރީއަށް އެރީ ކަމަށް ވެސް އޭނާ ބުންޏެވެ. އެކަމުގެ ސަބަބުން ފުރަން އައިސްތިބި އެހެން މީހުންނަށް ވެސް ނުފުރިގެން ހިތް ހަމަނުޖެހުން ފާޅު ކުރަމުން ދިޔަ ކަމަށް ވެސް އެމީހާ ބުންޏެވެ. އޭނާ އިތުރަށް ބުނީ ފެރީ އަށް އެރި މީހާ ފައިބަން ސެކިއުރިޓީން އެންގުމުން ވެސް ނުފޭބި ކަމަށް. އެންމެފަހުން އޭނާ ބާލަން ޖެހުނީ ފުލުހުން އައިސްގެން ކަމަށް ވެސް އޭނާ ބުންޏެވެ. އެކަމާ ގުޅިގެން ފެރީ ފުރަން ޖެހޭ ގަޑިއަށް ނުފުރި ވިއްސަކަށް މިނިޓް ނުފުރި ލަސްވި ކަމަށް ވެސް އޭނާ ބުންޏެވެ.


މަހިބަދޫ އަށް ދާން ފުރަން ގޮސް ހުރި މީހާ އިތުރަށް ބުނީ ފެރީ އަށް އިތުރަށް މީހުން އަރަން ދިމާވި ސަބަބަކީ ކޮންމެ މީހަކުވެސް ފުރަން އައިސް ފެރީ އަށް އަރަން ޓިކެޓް ގަތުމުން ފުރޭ ގޮތަށް އޮންނާތީ ފެރީން ގެންދެވޭ ވަރަށް ވުރެ އިތުރަށް މިއަދު މީހުން އައުމުންނެވެ.


މިކަމާ ގުޅިގެން އެމްޓީސީސީގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފައެވެ.