01 Jan 2019, 11:15
ސައި ހޮޓަލާއި ރެސްޓޯރެންޓުތައް އަދި ފިހާރަތައް ހިންގުމުގެ ގަވައިދަށް ބަަދަލުގެނެސް 24 ގަޑިއިރު ހިދުމަތްދޭ ގޮތަށް ނިންމައި އެކަމުގެ ހުއްދަ ދޫކުރަން ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ އާންމުކުރި ގަވައިދުގައި ވަނީ އެ ހުއްދަ ދިނުމުގައި ވަކި ޝަތުރުތަކެއް ވެސް ކަނޑައަޅައިފަ އެވެ. އެގޮތުން އެތަނަކީ ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލަކުން ކަނޑައަޅާ ސަރަހައްދެއްގައި ހިންގާ ތަނަކަށް ވުމުގެ އިތުރުން އެތެރެ ރީއްޗަށް ފެންނަން ހުރެ އަދި އެތަނުގައި 24 ގަޑިއިރު ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނަ ތަނަކަށް ވާން ޖެހެ އެވެ.
އަދި އޭގެ އިތުރުން އެތަނުގައި މެންދަމު 1:00 ފެށިގެން ފަތިހު 4:30 އާ ހަމައަށް ދުންފަތުގެ އިސްތިއުމާލުކުރުން އެގަވައިދުގެ ދަށުން މަނާވާނެ އެވެ.
ސައުވީސް ގަޑިއިރު ހިދުމަތް ދިނުމަށް އެފަދަ ތަންތަނުން 2000 ރުފިޔާގެ ފީއެއްވެސް ދައްކަން ޖެހޭނެ ކަމަށް ވެސް އާ ގަވައިދުގައި ބުނެފައިވެ އެވެ.
މީގެ ކުރިން ފިހާރަތައް ބަންދުކުރަނީ 10 ޖަހާއިރު އެވެ. އަދި ސައި ހޮޓާ، ރެސްޓޯރެންޓުތައް ބާރަ ޖަހާއިރު ބަންދު ކުރެ އެވެ.
އެ ގަވައިދާ ހިލާފުވާ ތަންތަނުގެ ހުއްދަ ފުރަތަމަ ފަހަރު ހަ މަސް ދުވަހަށް ހިފެހެއްޓޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ތަކުރާރުކޮށް ގަވައިދާ ހިލާފުވާ ނަމަ އެއްކޮށް އެ ހުއްދަ ބާތިލު ކުރެވޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.