އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާ ފާހަގަކޮށް އެމްއެމްޕީއާރުސީ އިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ. މި އަހަރުގެ އެ ފަހުރުވެރި ނަސީބު ހޯދައިފައި ވަނީ މިއަދު އޮމާންއެއާވޭސް އިން އައި ސައުދީ އަރަބިއްޔާގެ ރައްޔިތެއް ކަމަށްވާ ހާލިދު ކަރީމް އެވެ.

ފުރަތަމަ ފަތުރުވެރިއާއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެމްއެމްޕީއާރުސީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އާ އަހަރާ ދިމާކޮށް ހާލިދު ޗުއްޓީ ހޭދަކުރުމަށް އައީ ބަނޑޮސް އައިލެންޑް ރިސޯޓަށެވެ. އޭނާއާ އެކު އޭނާގެ އަންހެނުންނާއި ދަރިފަޅު ވެސް މި ދަތުރުގައި ބައިވެރިވި އެވެ.

އާއަހަރުގެ ފުރަތަމަ ފަތުރުވެރިޔާގެ އާއިލާއާ އެކު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--- ފޮޓޯ: ޓުވިޓާ/ ވިޒިޓް މޯލްޑިވްސް

ފުރަތަމަ ފަތުުރުވެރިއާގެ ނަސީބާއާ އެކު ހާލިދުއަށް އޮމާން އެއާވޭސް އިން ވަނީ ރާއްޖެއަށް އަލުން ޒިޔާރަތް ކުރުމަށް ހިލޭ ޓިކެޓެއް ވެސް ހަދިޔާއެއްގެ ގޮތުގައި ދީފަ އެވެ. އަދި ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އާވީ ރިސޯޓުން ވެސް ވަނީ ހާލިދުގެ އާއިލާއަށް ރާއްޖޭގެ ރިސޯޓެއްގައި ހަތް ދުވަހު ހިލޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދީފަ އެވެ.

ފުރަތަމަ ފަތުރުވެރިޔާއަށް ހޮވުމުން ކުރެވެނީ ކޮންކަލަ އިހުސާސެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ހާލިދު ބުނީ މިއީ ވަރަށް ހާއްސަ އުފަލެއް ލިބުނު ކަމެއް ކަމަށާއި އަދި ބުނާނެ އެއްޗެއް ވެސް ނޭނގުނު ކަމަށެވެ.

"މިއީ އަހަރެމެންގެ ހަޔާތުގައި ވެސް ވަރަށް މުހިންމު ދުވަހެއް. މިއީ އަހަރެމެންގެ ކައިވެއްޏަށް 10 އަހަރު ވެސް ފުރުނު ދުވަސް. މިއީ ރާއްޖެ އައި ދެވަނަ ފަހަރު. އަހަރެމެން ރާއްޖެ ހިޔާރުކުރީ 2014 ވަަނަ އަހަރު ވެސް ރާއްޖެ އައިސްފައި ވާތީ. ދުނިޔޭގެ ވަރަށް ގިނަ ތަންތަނަށް ދެވިއްޖެ. އެހެން ނަމަވެސް ރާއްޖެހާ ރީތި ތަނަކަށް ނުދެވޭ." ހާލިދު ބުންޏެވެ.

އާއަހަރާ އެކު ރާއްޖޭގެ ރިސޯޓްތަކަަށާއި ގެސްޓްހައުސްތަކަށް މިހާރު ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފަ އެވެ. ގިނަ ތަންތަނުގެ އޮކިއުޕަންސީ މިހާރު ވެސް އުޅެނީ 90 ޕަސެންޓުގެ މަތީގަ އެވެ. ފާއިތުވި އަހަރު ރާއްޖެ އަށް 1.3 މިލިއަން ޓުއަރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.