03 Oct 2011, 16:00
މާލޭގެ ބައެއް ފިހާރަތަކަށް ޒިޔާރަތް ކުރައްވައި، ޖީއެސްޓީ ނެގުމުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބައްލަވާލައްވައިފި އެވެ.
އެގޮތުން އެމަނިކުފާނު މިއަދު މެންދުރު ފަހު ވަޑައިގެންނެވި ބައެއް ފިހާރަތަކުގެ ތެރޭގައި، އާދައިގެ ޗިއްލަރު ވިޔަފާރި ކުރާ ބައެއް ކުދި ފިހާރަތަކާއި ކަންމަތީ ފިހާރަ އަދި ގަނޑުކޮށް މުދާ އެތެރެކޮށްގެން ވިއްކާ ބައެއް ފިހާރަ އާއި ސުޕާ މާކެޓް، ސުޕާ ސްޓޯ ފަދަ ފިހާރަތައް ހިމެނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ޒިޔާރަތް ކުރެއްވި ބައެއް ފިހާރަތަކުގައި ތަކެތި ގަތުމަށް ގޮސް ތިބި ބައެއް މީހުންނާ އަދި ތަކެތި ވިއްކުމަށް ފިހާރަތަކުގައި ތިބި ސޭޓުންނާއި މެނޭޖަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކާ ހިޔާލު ބަދަލުކުރެއްވި އެވެ. ހަމައެއާ އެކު، އެއް ފިހާރަ އިން އަނެއް ފިހާރައަށް ވަޑައިގެންނެވުމުގެ މަގުމަތީގައި، ބައެއް އާންމު ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވައި މައުލޫމާތު ހޯއްދަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް މިއަދު ޒިޔާރަތް ކުރެއްވި ބައެއް ފިހާރަތަކުން އެމަނިކުފާނަށް މައުލޫމާތު އެރުވި ގޮތުގައި، ޖީއެސްޓީ ނެގުން ފަށައިގަތް އިރު، އާންމު ގޮތެއްގައި ބައެއް ދަތިތައް މެދުވެރިވެފައިވިޔަސް، އެކަންކަމާ މެދު މިހާރު މީރާ އިން ފިޔަވަޅު އަޅައި އެކަމުގައި ލުއިގޮތްތަކެއް ހަމަޖެހެމުންދާ ކަމުގައި ވެސް އެ ފަރާތްތަކުން ބުނި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޭގެތެރެއިން ގިނަ ފިހާރަތަކުން ރައީސްއަށް މައުލޫމާތު އެރުވި ގޮތުގައި، އެފަރާތްތަކަށް އެނގިގެން، ނިސްބަތުން ވަރަށް ގިނަ ވިޔަފާރިވެރިން ވަނީ އެކަން ކާމިޔާބުކަމާ އެކު ހިންގުމަށް ދުރާލާ ތައްޔާރުވެފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މާލޭގެ ތަފާތު ފަންތީގެ ވިޔަފާރިކުރާ އެކި ފިހާރައަށް ރައީސް މިއަދު ވަޑައިގެންނެވުމަށް ފަހު، ނޫސްވެރިން ކުރި ބައެއް ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ޖީ.އެސް.ޓީ ނެގުން މިހާރު ފެށިފައިވާއިރު، އަންނަ އަހަރުގެ ޖަނަވަރީއާ ހަމައިން ނިސްބަތުން ވަރަށް ގިނަ ބާވަތެއްގެ ޑިއުޓީ ލުއިވެގެން ދިޔުމުން، ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ވަރަށް ބޮޑުތަން ލުއިވެގެންދާނެ ކަމަށެވެ.
މީގެއިތުރުން ޓެކްސްގެ ނިޒާމާބެހޭ ޤާނޫނީ އިދާރީ ކަންކަން ފުރިހަމަވަމުންދިޔަވަރަކަށް، މިކަމުގެ އިންތިޒާމްތައް، އިތުރަށް ލުއިވެގެންދާނެ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ޓެކްސް އަދާކުރަނީ ރައްޔިތުން ކަމުގައިވާއިރު، ޓެކްސް އަނބުރާ އިއާދަވަނީ ވެސް ރައްޔިތުންގެ ފައިދާ އާއި ލާބަ އާއި މަންފާ އަށް ކަމަށާއި އެގޮތުން އިޖްތިމާއީ ރައްކާތެރިކަމާއި، ފޯރުންތެރިކަން ކުޑަ އާއިލާތަކަށް ސަރުކާރުން ވެދޭ އެހީ އާއި، އުމުރުން ދުވަސްވީ ފަރާތްތަކަށް ވެދޭ އެހީ އާއި، ބޭސްފަރުވާ އާއި، ސިއްހީ ކަންކަމާއި އަދި ތައުލީމާއި، އަސާސީ ހިދުމަތްތައްފަދަ ކަންކަން ރައްޔިތުންނަށް އިއާދަ ކުރުން، ސަރުކާރަށް ކުރިއަށް ގެންދެވޭނީ، ދައުލަތުގެ އާމްދަނީ ރަނގަޅު ކުރެވިގެން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.