03 Oct 2011, 15:13
މިދިޔަ ބުރާފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދިއްދޫ އެމްޑީޕީގެ އެކްޓިވިސްޓުނާ ރައީސް ބައްދަލުކުރައްވައި ދެ ފަރާތުން ރައްދުދީ ޒުވާބުކުރާ މަންޒަރު ފެންނަ ވީޑީއޯއެއް އާންމުވެއްޖެ އެވެ.
www.youtube.com/watch?v=lnkFGgnDNtE
ސަން އަށް ލިބިފައިވާ ވީޑިއޯ އިން ފެންނަ ގޮތުން ދިއްދޫ ބަނދަރުމަތީގައި ހުންނަ "އިލާފަތި" ރެސްޓޯރެއްޓުގައި ރައީސް ނަޝީދާ އެކު ބޭއްވި ބައްދަލުވުމެއްގައި ރަށުގެ ތަރައްގީ އަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެ ރަށުގެ އެމްޑީޕީ ގޮފީގެ އިސްވެރިންނާއި ޕާޓީގެ އެކްޓިވިސްޓުން ޝަކުވާ ހުށަހެޅި އެވެ. އަދި މައުމޫންގެ ސަރުކާރުން އަމަލު ކުރި ގޮތަށް މިއަދުގެ ސަރުކާރުން ވެސް ދިއްދޫ މީހުންނަށް "އަނިޔާދެމުންދާ" ކަމަށް އެ މީހުން ރައީސްގެ އަރިހުގައި ދަންނަވަމުން ދިޔަ ތަން ވީޑިއޯ އިން ފެނެ އެވެ. އަދި ދިއްދޫ އަތޮޅު ކައުންސިލާއި ރަށު ކައުންސިލަށް މެންބަރުން ހޮވުމަށް އެ ބޭފުޅުން ބޮޑެތި ގުރުބާނީތަކެއް ވެފައިވާނެ ކަމަށް ވެސް އެ ބޭފުޅުން ޒުވާބު ކުރާ ގޮތަށް ރައީސަށް ދަންނަވަމުންދިޔަ ތަން ވީޑިއޯ އިން ފެނެ އެވެ.
ސަރުކާރުން ދިއްދޫގެ ރައްޔިތުންނާ މެދު އަމަލު ކުރަމުންދާ ގޮތުން މި ސަރުކާރާ ދެކޮޅަށް ދިއްދޫ މީހުން ނުކުމެ، ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަންޖެހިދާނެ ކަމުގެ އިންޒާރު އެމްޑީޕީގެ އެކްޓިވިސްޓަކު ދިން ހިސާބުން ބައްދަލުވުން ހޫނުވެ، ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދާ ދެމެދު ބަދަލު ކުރި އެވެ.
ރައްދުގައި ރައީސް ނަޝީދު ވިދާޅުވީ "ތިޔަހެން ބިރުދައްކަން" އުޅޭނެ ކަމެއް ނެތް ކަމަށާއި "އެއްކަމެއް ވެސް ނުވާނެ" ކަމަށެވެ. ގުރުބާނުގެ ވާހަކަ "މާބާރަށް" ދައްކާނެ ކަމެއް ނެތް ކަމަށް ވިދާޅުވެ، ރައީސް ނަޝީދު އިންނެވި މޭޒުގައި އެމަނިކުފާނު ޖެއްސެވި މަންޒަރު ވެސް މީޑިއޯ އިން ފެނިގެންދެ އެވެ. އަދި ވިދާޅުވީ ދިއްދޫ ކައުންސިލަށް އެމްޑީޕީގެ ހަތަރު ގޮނޑި ލިބުނީ އެމަނިކުފާނު ދިއްދު އަށް ވަޑައިގެން ކުރެއްވި މަސައްކަތްޕުޅުން ކަމަށެވެ.
ނަމަވެސް ކައުންސިލް އިންތިހާބުގައި ރައީސް ނަޝީދު އަތޮޅުތަކަށް ވަޑައިގެން އޭރު އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރުމުން ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ދިއްދޫ ރެސްޓޯރެންޓުގެ ބައްދަލުވުމުގައި ސަރުކާރުގެ ސިއްހީ ސިޔާސަތު ދޯދިޔާވެފައިވާ ކަމަށް އެމަނިކުފާނު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. އަދި އެކަންތައްތައް ރަނގަޅު ކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުން ކަންބޮޑުވުން ފާޅުކުރި އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު އެ ރަށަށް ވަޑައިނުގަންނަވައި އަދި ރައްޔިތުންނާ މަޝްވަރާ ނުކުރައްވާތީ ރައީސް ވިދާޅުވީ އެކަށް ހަމަޔަކަށް އަޅުވާނެ ކަމަށެވެ.
މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމަށް އެމްޑީޕީގެ ސަރުކާރުން ވެފައިވާ ވައުދާ އެކު ދިއްދޫގައި ތިބި މަސްތުވާތަކެތި ބޭނުން ކުރާ ޒުވާނުންނަށް ސަރުކާރުން އެހީވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގައި "ފަތްބޯ މީހުން" އެންމެ ގިނައިން އުޅެނީ ހއ. ދިއްދު އާއި ހއ. ހޯރަފުއްޓާއި ގދ. ގައްދޫ ކަމަށް ރައީސް ވިދާޅުވި އެވެ.
ބައްދަލުވުން ޒުވާބަކަށް ބަދަލުވެ ހޫނުވާން ފެށުމުން ރައީސް އަރިހު އެ ރަށަށް ވަޑައިގަތް ބޭފުޅުންގެ އިޝާރާތަށް ރައީސް ނަޝީދު ވަނީ އެ ބައްދަލުވުން ދޫކުރައްވައި ރެސްޓޯރެންޓުން ނުކުމެވަޑައިގެންފަ އެވެ.
އެ ވީޑިއޯ އާ ބެހޭ ގޮތުން ރައިސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރާ ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.