31 Dec 2018, 12:42
މި އަހަރުގެ މިހާތަނަށް އަލިފާނުގެ 105 ހާދިސާއެއް އަދި ގޭސް ލީކުވުމުގެ 65 ހާދިސާއެއް ހިނގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޔާ އެމްޑް ރެސްކިއު ސާވިސްގެ ކޮމާންޑަރު ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ، މި އަހަރު ހިނގި 105 އަލިފާނުގެ ހާދިސާގެ ތެރެއިން 11 ހާދިސާ އަކީ ބޮޑެތި ހާދިސާ ކަމަށެވެ.
އޭނާ ވިދާޅުވީ، ކަރަންޓު ވަޔަރިންގައި މައްސަލަތަކުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ޑިސެމްބަރު 18 ވަނަ ދުވަހު މ. ހާޑްރޮކުގައި ހިނގި ހާދިސާ އަކީވެސް ކަރަންޓު ޝޯޓެއް ވެގެން ހިނގި ހާދިސާއެއް ކަމަށް ވިދާޅުވިއެވެ.
ކަރަންޓު މައްސަލަތަކުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގާ ސަބަބުތައް ދެނެގަތުމަށް ސްޓެލްކޯއާ އެކު ފަޔާން އެންޑް ރެސްކިއުއިން ބައްދަލު ކޮށްފައިވާ ކަމަށް ޒުހޫރު މިއަދު ވިދާޅުވިއެވެ.

ހެންވޭރުގެ ގެއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެެރިވަނީ---
އެ ބައްދަލުވުމުން އެނގުނީ، މިހާރަކަށް އައިސް އިމާރާތްތަކުގައި ވަޔަރު ކުރާ އިރު ސްޓެލްކޯއިން އެޕްރޫވް ކުރާ ކޮލިޓީގެ ތަކެތި ބޭނުން ނުކުރާކަން، ކަމަށް ޒުހުރީ ވިދާޅުވިއެވެ. އޭގެ އިތުރުން ބޭރު މީހުން ދޭން ޖެހޭ ވަރަށް ފަރުވާ ނުދީ މަސައްކަތް ކުރާތީ އެފަދަ މައްސަލަ ދިމާވާ ކަމަށްވެސް ވިދާޅުވިއެެވެ. އަދި އެނާޖީ އޮތޯރިޓީން ވަޔަރު ކުރުމުގެ ހުއްދަ ދެއްވާފައި އޮތް ފަރާތްތަކުގެ ބަދަލުގައި މަސައްކަތް ކުރަނީ ބޭރު މީހުން ބޭނުންކޮށްގެން ކަން ސްޓެލްކޯއިން ފާހަގަ ކުރި ކަމަށް އެނާ ވިދާޅުވިއެވެ.
ޒުހުރީ ވިދާޅުވީ، އެ މައްސަލަތައް ހައްލު ކުރުމަށް ޕީރިއޮޑިކް ކޮމްޕްލަޔަންސް ޗެކްތަކެއް ސްޓެލްކޯއާ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.
މި އަހަރު އަލިފާނުގެ 105 ހާދިސާއެއް ހިނގާފައިވާ އިރު ޒުހޫރު ވިދާޅުވީ، ގޭސް ލީކުވުމުގެ 65 ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އެގޮތުން މި މަހު އެކަނި ވެސް އޭގެ 13 މައްސަލަ ހިނގާފައިވާ ކަމަށް ވިދާޅުވިއެވެ.
މި އަހަރު ގޭސް ލީކުވުމުގެ ސަބަބުން ނުރައްކާތެރި ތިން މައްސަލައެއް ހިނގާފައިވާ ކަމަށް ޒުހޫރު ވިދާޅުވިއެވެ. އެގޮތުން ގަޕީސް ނެސްޓްގައި 20 ނޮވެމްބަރުގައި ހިނގި ހާދިސާ އާއި ޖޫން ނުވަ ވަނަ ދުވަހު ޝެލްބީންސް ބޭކަރީގައި ހިނގި ހާދިސާ އޭނާ ފާހަަގަ ކުރެއްވިއެވެ.
ޒުހުރީ ވިދާޅުވީ، ގޭސް ލީކުގެ ހާދިސާތަކުގައި ގޭސްފުޅީގެ ތުނބުން ލީކުވުމާ ގޭސް ރެގިއުލޭޓަރުންނާއި ފުޅީގެ ތިރިން ލީކުވާކަން ފާހަގަ ކުރެވުނު ކަމަށެވެ. އޭނާ އިލްތިމާސް ކުރެއްވީ ގޭތެރޭގައި ގޭހުގެ ވަހެއް ދުވާ ނަމަ ސްވިޗުތައް ނުޖެއްސުމަށެވެ. އަދި ގެއިން ނުކުންނަ އިރު ސްވިޗު އޮފް ކޮށްފައި ގޭގައި ތަޅުލާފައި ދާން އޭނާ އިލްތިމާސް ކުރެއްވިއެވެ.
ޒުހޫރު ވިދާޅުވި ގޮތުގައި މީގެ ކުރީ އަހަރުތަކާ އަޅާ ބަލާ އިރު މި އަހަރު ހިނގާފައި އަލިފާނުގެ ހާދިސާތަކާއި ގޭސް ލީކުގެ ހާދިސާތައް މަދެވެ.
އަލިފާނުގެ ހާދިސާތައް:
2016 ވަނަ އަހަރު:102 ހާދިސާ
2017 ވަނަ އަހަރު:119 ހާދިސާ
2018 ވަނަ އަހަރު:105 ހާދިސާ
ގޭސް ލީކުވުމުގެ ހާދިސާތައް:
2016 ވަނަ އަހަރު:131 ހާދިސާ
2017 ވަނަ އަހަރު:44 ހާދިސާ
2018 ވަނަ އަހަރު:65 ހާދިސާ
އޭނާ ވިދާޅުވީ އެމްއެންޑީއެފްއިން ހާދިސާތަކަށް ރެސްޕޮންޑު ކުރާ ގަޑި އަވަސްވެފައިވާ ކަމަށެވެ. އެގޮތުން 2016 ވަަނަ އަހަރު އެވަރެޖުކޮށް ހަ މިނެޓު ތެރޭގައި ހާދިސާތަކަށް އެޓެންޑު ކުރެވުނު ކަމަށާއި 2017 ވަނަ އަހަރު ފަސް މިނެޓު 45 ސިކުންތު، އަދި 2018 ވަނަ އަހަރު ފަސް މިނެޓު 30 ސިކުންތުގެ ތެރޭގައި ހާދިސާތަކަށް އެޓެންޑު ކުރެވިފައިވާ ކަމަށް ޒުހުރީ ވިދާޅުވިއެވެ.