ރާއްޖޭގެ ކޯޓުތައް އިންތިހާއަށް ގޯސްވެފައިވާކަމަށް ބުނެ، މަރުގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސުލްޖުްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އުފައްދަވައިފައިވާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ދެއްކެވި ވާހަކަތަކާ މެދު އިންތިހާއަށް ކަންބޮޑުވާކަމަށް އެމްޑީޕީން ބުނެފިއެވެ.

އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުން މަގާމުގައި ބައިތިއްބައިގެން އިންސާފު ލިބިދާނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެެ. އަދި ބައެއް މައްސަލަތަކުގައި ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުން ވެސް ޝާމިލުވެގެން ބައެއް މީހުން ދޫކުރާ ކަމާއި މައްސަލަތައް ވަކި ބައެއްގެ މައްޗަށް ސާބިތު ނުކުރާކަން ފާހަގަ ކުރެވައިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، "ގޭންގު"ތަކުން ނޮމިނޭޓު ކުރާ ފަނޑިޔާރުން ކޯޓަށް އައްޔަން ކޮށްފައި ހުންނަ ކަމާއި، ވަކި ވަކި "ގޭންގު"ތަކަށް ފަނޑިޔާރުންގެ ކޯޓާއެއް ކަނޑައަޅާފައި ހުންނަ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

އަދި ބައެއް މަރުގެ މައްސަލަތައް ކޯޓުގައި ކުރިއަށް ދަނިކޮށް އެ މައްސަލަތަކުގައި ޝާމިލުވާ "ގޭންގު"ތަކުން ސުލްހައިގެ އެއްބަސްވުންތައް ހަދައި، ހެކިތަކަށް ބަދަލު ގެންނަ ކަން ސުއޫދު ވަނީ ފާހަނގަކުރައްވައިފައެވެ.

ސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ކަންކަމަކީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އަދުލު އިންސާފު ޤާއިމުކުރުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ. އަދި މިއީ، ރާއްޖޭގެ ކޯޓުތަކުގެ ނާއިންސާފުކަމާއި އެ ކޯޓުތަކުން ރައްޔިތުންގެ ޙައްޤުތަކަށް ފާޅުގައި އަރައިގަންނަމުންދާކަން ރާއްޖޭގެ ގިނަ ރައްޔިތުންނާއި ބައިނަލްއަޤުވާމީ ދުނިޔެ އިއްތިފާޤުވަމުންދާއިރު، އެކަމުގެ ތެރެއަށް އިތުރުވި ބިރުހުރި މަޢުލޫމާތެއް ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ވަނީ ފަނޑިޔާރުގެ ސާފުކޮށް، އިސްލާޙުކުރުމަށް ބޭނުންވާ އެންމެހައި އެހީތެރިކަންދީ، އެ މަސައްކަތުގައި އެ ޕާޓީ ސާބިތުކަމާއެކު ދެމިއޮންނާނޭކަމުގެ ޔަޤީންކަން ދީފައެވެ.