03 Oct 2011, 14:04
އިސްލާމީ މަރުކަޒު ފިޔަވައި މާލެ ސިޓީގެ ހުރިހާ މިސްކިތްތަކާ ސިޓީ ކައުންސިލުން އިއްޔެ ހަވާލުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކު )އަލިބެ( ވިދާޅުވީ، އިއްޔެ މާލެގެ 32 މިސްކިތާއި އެތަންތަނުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނާ ސިޓީ ކައުންސިލުން ރަސްމީކޮށް ހަވާލުވެފައިވާ ކަމަށެވެ.
"އިއްޔެ ހަވީރު ހަތަރެއް ޖެހިއިރު އަޅުގަނޑު، އިސްލާމީ މަރުކަޒު ފިޔަވައި މާލެ ސިޓީގައި ހިމެނޭ ހުރިހާ މިސްކިތްތަކާ ހަވާލުވެއްޖެ އިން. އިސްލާމިކް މިނިސްޓްރީގައި އެކަން ކުރަން ]މިސްކިތްތައް ބަލަހައްޓަން[ ތިބި މުވައްޒަފުންވެސް މިކޮޅަށް ]ސިޓީ ކައުންސިލުގެ ދަށަށް[ އައި،" އަލިބެ ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 60 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ބަދަލުކޮށްފަ އެވެ.
އަލިބެ ވިދާޅުވީ، މިސްކިތްތަކަށް ގެންނަން ޖެހޭ ކޮންމެ ބަދަލެއް ވެސް ގެންނާނީ އިސްލާމިކް މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
މިސްކިތްތައް ކައުންސިލްގެ ދަށަށް ބަދަލުކޮށްފައިވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުންނެވެ. އެގާނޫނުގައިވާ ގޮތުން މިސްކިތްތައް ބެލެހެޓުމަކީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ޒިންމާ އެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، ރަށްރަށުގެ ހުރިހާ މިސްކިތްތަކެއް މިހާރު ވަނީ ރަށު ކައުންސިލްތަކާ ހަވާލުކޮށްފަ އެވެ.