31 Dec 2018, 09:47
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު (އިއްމަ) ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލުން ރަސްމީކޮށް ފާހަގަކޮށްފިއެވެ.
އެފްއޭއެމާއި މޯލްޑިވްސްފުޓްބޯލް ގުޅިގެން އިމްރާނުގެ ޝަރަފުގައި ރޭވި އެ މެޗަކީ ގައުމީ ޓީމުން އިންމަ ރިޓަޔާވުމަށް ބޭއްވި ހާއްސަ މެޗެކެވެ.
މި މެޗުގައި އިއްމަގެ ގޯލެއް ފެނިގެންދިޔައިރު މެޗުން މޮޅުވީ ވެސް އިއްމަގެ ޓީމެވެ. އެ ޓީމު މޮޅުވެފައިވަނީ ރެއާލް މެޑްރިޑާއި ސްޕެއިނުގެ ލެޖެންޑް މިޝޭލް ސަލްގާޑޯ ކެޕްޓަންކަންކުރި ޓީމާ އެކީ ކުޅެގެންނެވެ. އިންމަގެ ޓީމު މޮޅުވީ 4-3 އަކުންނެވެ.
ރޭގެ މެޗުގައި މިހާރުގެ ބައެއް ތަރިން ފެނިގެންދިޔައިރު ކުރީގެ ބައެއް ފުޓުބޯޅަ ތަރިންވެސް ވަނީ ފެނިގެން ގޮސްފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޝަރަފްވެރިކޮށްދެއްވި މި މެޗުގައި، އިއްމަގެ އާއިލާގެ މެންބަރުންވެސް ބައިވެރިވިއެވެ.
މެޗު ކުޅުމުގެ ކުރިން އިއްމަ ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލްގައި އޭނާ ބޭނުންކުރި އަންގި ޖޯޑު ރައީސް ޞާލިހާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ހަދިޔާކޮށްފައެވެ.
ރައީސް ޞާލިހު ވަނީ ދިވެހި ފުޓްބޯޅަ އާއިލާގެ ފަރާތުން އިމްރާނަށް ރަމްޒީ ހަނދާނީ ޖާޒީއެއް ރޭ ހަދިޔާކުރައްވައިފައެވެ.
މެޗު ފެށުމުގެ ކުރިން އިމްރާން ވާހަކަދައްކަމުން ބުނީ އޭނާގެ ފުޓުބޯޅަ ހަޔާތުގައި މިހިސާބަށް އައުމުގެ އެންމެ ބޮޑު އަސްލަކީ އާއިލާ ކަމަށެވެ.
"މިގޮތަށް މިފަދަ ތަނެއްފައި ވާހަކަދެއްކުމަކީ އަޅުގަނޑަށް ފަސޭހަކަމެއްނޫން. އަޅުގަނޑަކީ ދަނޑު މައްޗަށް އަރައި ކުޅުންތެރިންނަށް އިރުޝާދުދޭ މީހެއް. މި ހާއްސަ ވަގުތު އަޅުގަނޑާ އެކު އާއިލާ މެމްބަރުން ތިބުމަކީ ވަރަށް އުފާވާ ކަމެއް،"
ރޭ ކުޅުނު މެޗުގައި ލީޑު ނެގީ އެފްއޭއެމް ޓީމުންނެވެ. އެ ގޯލް ޖެހީ ޓީސީގެ ފޯވާޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ ދިން ބޯޅައަކުން އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމެވެ.
އިއްމަގެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އަލީ އަޝްފާގް (ދަގަނޑޭ) ދިން ބޯޅައަކުން އަލީ އުމަރެވެ. މެޗުގެ ލީޑު އިއްމަގެ ޓީމުން ނެގިއިރު އެ ލަނޑު ކާމިޔާބުކޮށްދިނީ ތޮއްޑޫ މުހައްމަދު ނިޒާމެވެ. ތިން ވަނަ ގޯލް ޖަހަން އެ ޓީމަށް ޕެނަލްޓީއެއް ލިބުނުއިރު އެ ޕެނަލްޓީ ޖެހީ ރޭ މެޗު ހާއްސަކުރެވުނު އެއް ނަމްބަރު ކީޕަރު އިއްރާނެވެ. އެފްއޭއެމް ޓީމަށް ދެ ވަނަ ހާފުގައި ތަފާތު ކުޑަކޮށްދިނީ ޕެނަލްޓީއަކުން ސަލްގާޑޯގެ ލަޑުންނެވެ.
A well deserved farewell to one of the greatest goalkeepers to wear the national colors. Hats off to you for your service to the nation ????????????????#Imran25Retirespic.twitter.com/9KHqMIAfoB
— Bassam Adeel Jaleel (@bassam_jaleeI)December 30, 2018
އިމްރާން ޓީމުގެ ހަތަރު ވަނަ ގޯލް ކާމިޔާބުކޮށްދިނީ ދަގަނޑޭއެވެ. އެފްއޭއެމް ޓީމުގެ ތިން ވަނަ ގޯލް ކާމިޔާބުކުރީ ފޭދޫ އިއްބެއެވެ.
އިމްރާން ވަނީ ގައުމީ ޓީމާއެކު 111 މެޗު ކުޅެދީ، މެދު ކެނޑުމެއް ނެތި 17 އަހަރު ގައުމީ ގޯލް ބަލަހައްޓައިދީފައެވެ.
#Live
The retirement match of Imran Mohamed, Goalkeeper of the Maldives National Football Teampic.twitter.com/M8uADmP8uh— Presidency Maldives (@presidencymv)December 30, 2018
އދ. މަހިބަދޫއަށް އުފަން އިއްމައަކީ ރާއްޖެ ދުށް އެންމެ މޮޅު ގޯލްކީޕަރެވެ. ދިވެހީންގެ އެއް ނަމްބަރު ކީޕަރެވެ. އިއްމައަކީ ދެކުނު އޭޝިޔާގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކީޕަރެވެ. އޭނާ އަކީ މިއަދުގެ ޒުވާން ފުޓުބޯޅަ ޖީލަށް ނަމޫނާއެކެވެ. ރޭ އޭނާ ގައުމީ ޓީމާ އަލްވަދާއު ކީ ހިނިތުންވެ ހުރެއެވެ. ދިވެހިންގެ ހިތްތަކުން ޖާގައެއް ހޯދުމަށްފަހުއެވެ. އިމްރާންގެ ހިދުމަތް ދުވަހަކުވެސް ދިވެހިންގެ ހިތްތަކުން ނުފޮހެލެވޭނެއެވެ.