31 Dec 2018, 09:34
ޑާކާ (ޑިސެމްބަރު 31): ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާގެ އަވާމީ ލީގު ޕާޓީން އެގައުމުގެ އާއްމު އިންތިހާބު ކާމިޔާބުކޮށްފި އެވެ.
އިއްޔެ ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އަވާމީ ލީގު އިސްވެ އޮންނަ ކޯލިޝަނުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 287 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި އިދިކޮޅު ނޭޝަނަލިސްޓު ޕާޓީ (ބީއެންޕީ) އިސްވެ އޮންނަ އެލަޔަންސަށް މިހާތަނަށް ލިބިފައި ވަނީ އެންމެ ހަ ގޮނޑި އެވެ.
ބަންގުލަދޭޝްގައި ސަރުކާރު ގާއިމު ކުރުމަށް ބޭނުން ވަނީ މަޖިލީހުގެ 151 ގޮނޑި އެވެ. އަދި އަވާމީ ލީގުގެ ކާމިޔާބީއާ އެކު ބޮޑުވަޒީރު ކަމަށް އަނެއްކާ ވެސް އައްޔަން ކުރަން ހަމަޖެހިފައި ވަނީ ޝޭހް ހަސީނާ އެވެ.
ނަމަވެސް އިދިކޮޅު ޕާޓީތަކުން ވަނީ އެއިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ބުނެ، އާ އިންތިހާބެއް ބޭއްވުމަށް ގޮވާލާފަ އެވެ. އެގޮތުން ބީއެންޕީގެ ތަރުޖަމާނަކު ވަނީ، މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން 221 ގޮނޑިއަށް ހާއްސަކޮށްފައިވާ ވޯޓު ފޮށިތަކުގައި މައްސަލަ ހުރި ކަމަށް ވިދާޅުވެފަ އެވެ.
މިޔަންމާގެ އަނިޔާގެ ސަބަބުން އެގައުމު ދޫކޮށް ދާން ޖެހުނު ގިނަ އަދަދެއްގެ ރޮހިންގާއިންނަށް ބަންގުލަދޭޝްއަށް ވަނުމުގެ ފުރުސަތު ދިނުމުން، ޝޭހް ހަސީނާއަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ.
ނަމަވެސް ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ، ޝޭހް ހަސީނާގެ ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ އަޑު މަޑު ކުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުކޮށްފަ އެވެ. އެގޮތުން މިއިންތިހާބާ ދިމާކޮށް ފުލުހުން 10،500 އަށް ވުރެ ގިނަ އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާ ކަމަށް ބީއެންޕީން ބުނެ އެވެ.