ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއަކީ ބޮލީވުޑުގެ އެންމެ ހަރުކަށި އެއް ޑައިރެކްޓަރެވެ.

ބަންސާލީ އަކީ އޭނާގެ އެކްޓަރުންގެ ފަރާތުން 200 ޕަސެންޓު ބޭނުންވާ ޑައިރެކްޓްރެކެވެ. އަދި އޭނާ ބޭނުންވާ ނަތީޖާ ލިބެންދެން މަސައްކަތް ހުއްޓައެއް ނުލައެވެ.

ބަންސާލީ އަކީ މިހާ ޑިމާންޑިންގ ޑައިރެކްޓަރެއް ނަމަވެސް، އޭނާގެ ފިލްމެއްގައި މަސައްކަތް ކޮށްލަން ލިބޭ ފުރުސަތުގެ ބޭނުން ކޮންމެ އެކްޓަރެއް ވެސް ހިފައެވެ. އެގޮތުން ވެސް ބޮލީވުޑުގެ ހިތްގައިމު ޖޯޑު ރަންވީރު ސިންގް އަދި ދީޕިކާ ޕަދުކޯން ފާހަގަކޮށްލެވެއެވެ.

ދީޕިކާއާއި ރަންވީރު ވަނީ ބަންސާލީގެ ތިން ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އެއީ 'ގޯލިޔޯން ކީ ރާސްލީލާ - ރާމް ލީލާ'، 'ބާޖީރާއޯ މަދްތާނީ' އަދި 'ޕަދްމާވަތު'އެވެ.

ދެމީހުންގެ ލޯބި ފެށި ކައިވެންޏާ ހަމައަށް ދިއުމުގައި ވެސް ބަންސާލީގެ ހިއްސާ ބޮޑެވެ. ބަންސާލީގެ ސަބަބުން ޕްރޮފެޝަނަލް އަދި އަމިއްލަ ދިރިއުޅުމަށް ވެސް ބޮޑު ކުރިއެރުމެއް ލިބުމުން ދީޕިކާ އެކަމަށް ޝުކުރުވެރިވެއެވެ. ނަމަވެސް ބަންސާލީ އާއެކު މަސައްކަތް ކޮށްކޮށް ދީޕިކާ މިހާރު ވަރުބަލިވެއްޖެއެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ދީޕިކާ ބުނީ މެދުކެންޑުމެއް ނެތި ބަންސާލީ އާއެކު މަސައްކަތް ކުރުމުން މީހާ މުޅިން ވަރުބަލިވެފައިވާ ކަމަށެވެ. އަދި އާޓިސްޓެއްގެ ހައިސިއްޔަތުން އޭނާ 100 ޕަސެންޓު ދީފައިވާނެ ކަމަށާއި އެހެން މަސައްކަތެއް ފެށުމުގެ ކުރިން މީހާ ނަފްސާނީ ގޮތުން އަލުން ތައްޔާރުވާން ވަގުތު ބޭނުންވި ކަމަށެވެ.

ދީޕިކާ ދެން އެންމެ އަވަހަށް ފަށާނީ މޭގްނާ ގުލްޒާރުގެ 'ޗަޕާކް'ގެ މަސައްކަތެވެ. އެއީ ވެސް ފަސޭހަ ފިލްމަކަށް ނުވާނެއެވެ.

'ޗަޕާކް' އަކީ އެސިޑުގެ ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. އެ ފިލްމު ވެގެންދާނީ ދީޕިކާ ޕްރޮޑިއުސް ކުރާ ފުރަތަމަ ފިލްމަށެވެ. ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުއެވެ.