30 Dec 2018, 23:51
މާލޭގެ ދަފްތަރުގެ ރަޖިސްޓްރީއާ ގުޅޭގޮތުން އިލެކްޝަން ކޮމިޝަން (އީސީ)ން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފިއެވެ.
އީސީން މިރޭ ކުރި ޓުވީޓެއްގައި ބުނީ ދަފްތަރުގެ ރަޖިސްޓްރީއާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލް އަދި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
ދާދި ފަހުން ހުޅުމާލޭގައި ބިނާކުރަން ފެށި ފްލެޓަށް އެދި ފޯމް ހުށަހެޅުމަށް މާލޭގައި ދިރިއުޅޭ އެކި ރަށްތަށުގެ ގިނަ ބަޔަކު ވަނީ މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހަޅާފައެވެ. އަދި އޭގެ ސަބަބުން ގިނަ ބައެއްގެ އައިޑީކާޑު ފަދަ ކާކުކަން އަންގައިދޭ ލިޔުންވެސް ގިނަ ބަޔަކު މިހާރު ދަނީ ބަދަލުކުރަމުންނެވެ.
ދަފްތަރުގައި ގިނަ ބަޔަކު ރަޖިސްޓްރީވުމާ ގުޅިގެން މަޖިލީހުގައި މާލޭއިން ވާދަކުރާ ދާއިރާތައްވެސް ވަނީ އިތުރުވެފައެވެ.
ނިމިގެން ދިޔަ ރައީސް އަބްދުލް ޔާމީންގެ ވެރިކަމުގައި މާލޭގެ ސިޓީ ކައުންސިލްގެ ބާރުތައް ނަގައި ބައެއް ޒިންމާތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރިއެވެ. އެގޮތުން މާލޭގެ ދަފްތަރު ބަލަހައްޓަމުން ދިޔައީ ހައުސިން މިނިސްޓްރީއިންނެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ސިޓީ ކައުންސިލްއަށް ބާރުތައް އަނބުރާ ދިނުމުގެ ސަބަބުން، ދަފްތަރު މިހާރު ބަލަހައްޓަމުން ދަނީ އެ ކައުންސިލްއިންނެވެ.