އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބުދުލްބާރީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ޑރ. މަޖީދު މިއަދު ވިދާޅުވީ، މިނިސްޓަރުކަމުން އިސްތިއުފާދެއްވީ، އަދާލަތުން އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން މިދިޔަ މަހުގެ 26 ވަނަ ދުވަހު ރޫޅާލުމަށްފަހު، ސަރުކާރުން އިސްތިއުފާދެއްވަން ޕާޓީން އެދިފައިވާތީ ކަމަށެވެ.

"ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ އަދާލަތު ޕާޓީން އޮތީ އެމްޑީޕީ އިއްތިހާދާއެކީ އެއްބަސްވި އެއްބަސްވުން އުވާލާ، އަޅުގަނޑުމެން ވަޒީފާއިން އިސްތިއުފާދިނުމަށް އެދިފައި. އެހެންވީމަ، މިއަދުގެ ވަގުތެއްގައި އިސްތިއުފާގެ ސިޓީ ހުށަހަޅާފައި ވަނީ،" ޑރ. މަޖީދު ވިދާޅުވި އެވެ.

އިސްތިއުފާގެ ސިޓީއަށް ރައީސް އޮފީހުން އަދި ޖަވާބެއް ލިބިވަޑައިގެންފައިނުވާ ކަމަށް ވެސް ޑރ. މަޖީދު ވިދާޅުވި އެވެ. މިނިސްޓަރުކަމުން އިސްތިއުފާދެއްވުމަށްފަހު އަމަލުކުރައްވާނެ ވަކި ގޮތެއް ނިންމާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑރ. މަޖީދު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްގެ މަގާމުން ވެސް އިސްތިއުފާދެއްވައިފަ އެވެ.

ޑރ. މަޖީދުގެ އިތުރުން އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު، ޝެއިހް ހުސެއިން ރަޝީދު ވެސް ސަރުކާރުން އިސްތިއުފާދެއްވުމަށް އަދާލަތުން ވަނީ އޭނާ އަށް ގޮވައިލައްވައިފަ އެވެ. ނަމަވެސް، ހުސެއިން ރަޝީދު ވަނީ އިސްތިއުފާ ނުދެއްވާނެ ކަމަށް މީޑިއާގައި ވިދާޅުވެފަ އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Dr. Majeed (mp3)