30 Dec 2018, 23:08
އަނިޔާވެރި ރަހުމް ކުޑަގޮތަކަށް މަރާލައިފައި އޮއްވާ ފެނުނު އުނގޫފަރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝިމް އަލީ އާއި ބްލޮގަރު ޔާމީން ރަޝީދު އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ގުޅުން އެބަހުރި ކަމަށް މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.
މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ރައީސް ހުސްނު ސުއޫދު ވިދާޅުވީ ޔާމީނާއި ރިލްވާން އަދި އަފްރާޝީމްގެ މައްސަލަ ގުޅި ލާމެހިފައިވާ ކަމަށް ގަބޫކުރެވޭ ކަމަށެވެ.
ހުސްނުއް ސޫދު ވިދާޅުވީ އެތިން މީހުންގެ މައްސަލައިގައި މިހާރު ގިނަ ބަޔަކު ހާޒިރުކޮށް ގިނައަދަދެއްގެ މައުލޫމާތު މިހާރު އެއްކުރެވިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތުގެ އަލީގައި އެ މައްސަލަތައް ހިނގައިދިޔަގޮތް މިހާރު އަންދާޒާކޮށްލެވޭ ވަރަށް ކަންތައްތައް އެނގިފައިވާ ކަމަށްވެސް ސޫދު ވިދާޅުވިއެވެ.
އެ ތިން މީހުންގެ މައްސަލަ ރަނގަޅަށް ތަހުގީގު ނުކުރާކަމަށް ބުނެ ގިނަ ބަޔަކު އަބަދުވެސް ދިޔައީ ފާޑުކިޔަމުންނެވެ. ސޫދު ވިދާޅުވީ އަފްރާޝީމްގެ މަރުގެ މައްސަލއިގެ ތަހުގީގު 2013 ވަނަ އަހަރު ވެރިކަން ވެއްޓުމަށްފަހު ހުއްޓިފައިވާ ކަމަށެވެ.
އަދި މިހާރު ބަލަމުންދާ މައްސަލަތައް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި އަދި އެހުރިހާ މައްސަލަތައް އަންނަ އަހަރުގެ އޭޕްރީލް މަހު ނިންމާލެވޭނެ ކަމަށްވެސް ސޫދު ވިދާޅުވިއެވެ.
މަރާލެވިފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން މިހާތަނަށް 24 މައްސަލައެއް ބަލަން ނިންމާފައިވާކަން އެ ކޮމިޝަނުން މިއަދު ވަނީ ހާމަކޮށްފައެވެ.