30 Dec 2018, 20:59
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ފުވައްމުލަކު ސިޓީ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ފުވައްމުލަކު ސިޓީ ކައުންސިލުގެ މެންބަރުން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާގައި، ފުވައްމުލަކު ސިޓީގެ ކަންކަން ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައިފައެވެ. މިގޮތުން، ފުވައްމުލަކު ސިޓީ ކައުންސިލްގެ މެންބަރުން ވަނީ އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި، ކައުންސިލްގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ދަތިވާ ކަންތައްތަކުގެ ތެރޭގައި ފަންނީ މުވައްޒަފުން މަދުވުމާއި މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގައި ވަސީލަތްތައް މަދުކަން އެބޭފުޅުން ވަނީ ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން ވެސް މި ބައްދަލުކުރެއްވުމުގައި ފުވައްމުލަކު ސިޓީ ކައުންސިލް މެންބަރުން ވަނީ އެ ސީޓީގެ ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، މަގުތަކުގެ ހާލަތުގެ އިތުރުން ކުނި މެނޭޖްކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި،އަންނަ އަހަރުގެ ބަޖެޓާއެކު ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަން ފާހަގަކުރައްވައި މިހާރުވެސް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން މައްސަލަތަކަށް ހައްލު ހޯއްދެވުމަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.