ކޮލަމްބޯ (ޑިސެމްބަރު 12): ލަންކާއިން ފެނުނު ބޮޑު ކަށްވަޅަކުން 278 އިންސާނުންގެ ކަށި ފެނިއްޖެ އެވެ.

މެޑިކަލް އޮފިސަރަކު ވިދާޅުވި ގޮތުގައި އެކަށިތައް ފެނިފައި ވަނީ ލަންކާގެ ދާހިލީ ހަނގުރާމައިގައި ތަމަޅަ ޓައިގަރުން އެގައުމުގެ ސިފައިންނާ ހަނގުރާމަ ކުރި ސިޓީއެއް ކަމަށްވާ މަންނާރުންނެވެ. އަދި ފެނުނު ކަށިތަކުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންގެ ހަށިގަނޑުވެސް ހިމެނެ އެވެ.

މިދިޔަ މާޗް މަހު އެކަށްވަޅު ފެނުނީ ކޮންސްޓްރަކްޝަން މަސައްކަތަކަށް ކޮންނަމުން ދަނިކޮށެވެ.

"ސަތޭކަ އަށާރަ ދުވަހުގެ މަސައްކަތުން 278 ކަށިގަނޑު ވަނީ ފެނިފައި. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންގެ ކަށި ހިމެނޭ،" އޮފިސަރު ސަމިންދުރާ ރާޖަޕަކްޝާ ވިދާޅުވި އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އޭގެ ތެރޭގައި 20 އަށް ވުރެ ގިނަ ކުޑަކުދިންގެ ކަށިގަނޑު ހިމެނެ އެވެ.

ރާޖަޕަކްޝާ ވިދާޅުވި ގޮތުގައި އެމީހުން މަރުވި ސަބަބު ހޯދުމަށް ޓެސްޓުތަކެއް ހަދަން ޖެހޭނެ އެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން، އޭގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑު ބަނދެފައިވާ ކަމަށް ވަނީ ލަފާ ކުރެވިފަ އެވެ.

ލަންކާގެ ސަރުކާރާއި ޓަމިލް ހަނގުރާމަވެރިންނާ ދެމެދު 26 އަހަރުވަންދެން ކުރި ހަނގުރާމާގައި ދެ ފަރާތުން 100،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.