30 Dec 2018, 18:26
އިމާރާތް ކުރުމުގައި އަމަލުކުރުން ޖެހޭ ސަލާމަތީ މިންގަނޑުތައް ނާޅައި ހުޅުމާލޭގެ އިމާރާތެއްގައި މަސައްކަތް ކުރުމުން ގެންދިޔަ މީހަކު ވެއްޓި ޒަހަމްވެއްޖެއެވެ.
އާސަންދަ އޮފީހުގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހް ވިދާޅުވީ އެ ހަދިސާގައި ޒަހަމްވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެނައީ ބަނގުލަދޭޝްއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އާޝިޔާ ވިދާޅުވީ ޒަހަމްވި މީހާގެ ދެއަތުގައި ރެނދުލުމުގެ އިތުރުން އޭނާގެ އަތްތިލައިގައިވެސް ރެނދުލައިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ބޮލަށްވެސް ކޮންމެވެސް ވަރަކަށް ގެއްލުންތަކެއް ލިބިފައިވާކަަމަށް ބެލެވޭތީ މިއަދު މެންދުރު 14:30 އައިޖީއެމްއެޗްއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޒަހަމް ވި ޒުަވާނާ ވެއްޓުނު އިމާރާތަކީ ސަލާމަތީ ފިޔަވަޅުތައް އިތުރުކުރުން އަންގައިފައިވާ ތަނެއް ކަމަށެވެ. އަދި އެ ހާދިސާ ހިނގިއިރުވެސް އެތަނުގައި ސަލާމަތީ ފިޔަވަޅުތައް އަޅައިފައިނުވާ ކަމަށެވެ.
ދާދި ފަހުން ރައްކާތެރިކަން ނެތި މަސައްކަތް ކުރަމުންގެންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަނގުލަދޭޝްއަށް ނިސްބަތްވާ ކުޑަކުއްޖަކަށް ބޮޑެތި އަނިޔާތަކެއްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައެވެ،
ކުޑަކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވަނީ ރައްކާތެރިކަން ނެތި އިމާރާތްކުރަމުންދާ ސައިޓްތައް ހޯދުމަށް މާލޭގެ އެކި ސަރަހައްދުތައް ބަލައި ފާސްކޮށްފައެވެ. އަދި އެ ބެލުންތައް ބެލުމަށްފަހު ޕްލޭނިން މިނިސްޓްރީން ބުނީ ވަގުތުން މަސައްކަތް ހުއްޓުވަން ޖެހޭ ފަދަ ތަނެއް އޭރު ނެތް ކަމަށެވެ.