އިކޮނޮމިސްޓުން ބުނާ ގޮތުގައި ފަހަކަށް އައިސް މީހުން ފައިސާ ހަރަދު ކުރާ ގޮތަށް އައިސްފައިވާ ބަދަލުތަކުގެ ތެރޭގައި، ގިނަ މީހުން މިހާރު އިސްކަން ދެނީ މުދަލާއި ތަކެތި ގަތުމުގެ ބަދަލުގައި ރަނގަޅު ތަޖުރިބާއަކަށް ހޭދަ ކުރުމަށެވެ. އެގޮތުން، ފޯރުންތެރިކަން ހުރި މީހުން އާ އަހަރު ފާހަގަ ކުރުން ފަދަ ހާއްސަ މުނާސަބާތަކުގައި ރިޒޯޓުތަކަށް ދާ އެއް ސަބަބަކީ ވެސް އެއީ އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، އެރިޒޯޓުތަކުގައި މޫދު ކުޅިވަރުން ފެށިގެން ކެއުން އޮންނަ ގޮތް ވެސް ވީހާ ވެސް ތަފާތު ކުރުމަށް ދަނީ ވާދަ ކުރަމުންނެވެ.

ދާދި ފަހުން ރާއްޖެއަށް ޗުއްޓީ ހޭދަ ކޮށްލަން އައި ދެ ފަތުރުވެރިން ކަމަށްވާ ވެންޑީ އަދި ލީ ބައުވާ އަކީ އެފަދަ ތަޖުރިބާއެއް ކުރެވުނުކަން ވާލް ސްޓްރީޓް ޖާނަލްއާ ހިއްސާކޮށްފަ އެވެ.

ކައިވެންޏަށް ދެ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބަރޮހަށް ދިޔަ އެދެ ފަތުރުވެރިން ވަނީ މުޅިން އާދަޔާ ހިލާފު މާހައުލެއްގައި ކެއުމަށް ފުރުސަތު ލިބުނުކަން ފާހަގަކޮށްފަ އެވެ.

އެދެމަފިރިން، ރޭގަނޑު ކެއުން ބޭއްވި އެއް ތަނަކީ މޫދުގައި ހަދާފައިވާ ޕްލެޓްފޯމެކެވެ. އަދި އެހެން ރެއަކު ކެއުން ބާއްވާފައި ވަނީ ކަނޑުމަތީގައި، ދޯންޏެއްގަ އެވެ.

"މީގެ ކުރިން އެއްވެސް އިރަކު ކަނޑުމަތީގައި އެގޮތަށް ކެއުމެއް ނުކަން. ވަރަށް ހަމަހިމޭން،" ކާން ތިބި ވަގުތު ކުދި މިޔަރާއި މަސްތައް ފެނުނު ކަން ފާހަގަ ކުރަމުން ބައުވާ ކިޔާ ދިނެވެ.

ވެންޑީ އަދި ލީ ބައުވާ ކައިވެންޏަށް ދެ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ރޭގަނޑުގެ ކެއުމަށް ދިޔަ އެއް ތަނަކީ ބަރޮސްގެ މޫދުގައި ހުންނަ ޕްލެޓްފޯމެއް -- ފޮޓޯ: ވެންޑީ ބައުވާ

ކެނެޑާގެ ފުޑް އެންޑް ބެވަރެޖް ކޮންޒަލްޓެންޓެއް ކަމަށްވާ ގާއި ރިގްބީ ބުނި ގޮތުގައި، ފާއިތުވި އަހަރުތަކުގެ ތެރޭގައި ހޮޓެލްތަކަށް ފާހަގަ ކުރެވިފައިވާ އެއް ކަމަކީ ރިޒޯޓުތަކަށްދާ ފަތުރުވެރިން، ހާއްސަ، ޕްރައިވެޓް ކެއުމަކަށް އިތުރަށް ހަރަދު ކުރަން ތައްޔާރަށް ތިބޭ ކަމެވެ.

އެގޮތުން، ރެސްޓޯރެންޓަކުން ކެއުމަށް ދާނެ ހަރަދަށް ވުރެ ދެތިން ގުނަ އިތުރަށް ހަރަދުކޮށްގެން ނަމަވެސް، ދެ މީހަކަށް ނުވަތަ އާއިލާއަކަށް ވަކިން ހާއްސަ ކެއުމެއް ގިނަ ގެސްޓުން ބޭނުންވާ ކަމަށް ރިގްބީ ބުންޏެވެ.

"އެންމެން ވެސް ކާންޖެހޭ. [ހޮޓެލް ހިންގާ ފަރާތްތަކުން ވިސްނަނީ] ކާން އެންމެ އާދަޔާ ހިލާފުވާނީ ކޮންތަނެއްތޯ،" ރިގްބީ ބުންޏެވެ.

އެފަދަ ތަޖުރިބާތައް އިތުރަށް ހާއްސަ ކުރުމަށް ޓަކައި، ބައެއް ރިޒޯޓުތަކުން ދަނީ ގެސްޓުން ކެއުން ބާއްވާ ތަނެއް އިތުރަށް އަމިއްލަވަންތަ ކުރެވޭނެ ގޮތްތައް ވެސް 'މެނޫ'ގައި ހިމަނަމުންނެވެ. އަދި ޒަމާނާ ގުޅޭ ގޮތަށް، ފޮޓޯތަކަށް އެންމެ ރީތި ވާނެ ގޮތްތަކަށް ވެސް އިސްކަން ދެމުންނެވެ.

ރާއްޖެއަކީ ހަމަހިމޭން އަދި ވަށައިގެން މޫދު ހިމެނޭ ގައުމަކަށްވާތީ، ރާއްޖެ ވިއްކުމަށް މިފަދަ އެތައް ކަމެއް ކުރެވިދާނެ އެވެ. ދުނިޔެމަތީގެ ސުވަރުގެ ކަމަށް ބުނަނީ އެހެންވެ އެވެ.

އެ ފުރުސަތު ބޭނުން ނުވާނީ ކާކުތޯ އެވެ؟ ހާއްސަކޮށް އާ އަހަރު ފާހަގަ ކުރުމަށް އެ ފުރުސަތު ލިބޭނެ ނަމައޭ ހިތަށް އަރާނެ އެތައް ބަޔަކު ތިބޭނެ އެވެ. އެކަމަކު އެއީ އެންމެންނަށް އަތްފޯރާ ފަށުގައިވާ ކަމެއް ނޫނެވެ.