ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވައިފި އެވެ.

އެ އޮތޯރިޓީއަކީ، 2015 ވަނަ އަހަރު އުފެއްދި ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ އޮތޯރިޓީއެކެވެ.

އެ އޮތޯރިޓީ އުފެއްދެވުމާގުޅިގެން، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު" މިއަދު ވަނީ އުވާލައްވައިފަ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އުފައްދަވާފައި ވަނީ، ކާރިސާއެއް ކުރިމަތިވުމުގެ ފުރުސަތު ކުޑަ ކުރުމާއި އެކަމުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ޚާއްޞަ އަހަމިއްޔަތެއް ދީގެން، ގައުމީ، އަތޮޅުތަކުގެ، ރަށްރަށުގެ އަދި ސަރުކާރުގެ މުއައްސަސާތަކާއި ޖަމްޢިއްޔާތަކާއި އަމިއްލަ ފަރާތްތަކާއި އަމިއްލަ މުއައްސަސާތަކާއި އަދި މި ނޫނަސް ކާރިސާއާ ގުޅޭ ކަންކަން ބެލެހެއްޓުމާ ގުޅުންހުރި އެހެނިހެން ފަރާތްތައް ލައްވައި، ކާރިސާއާ ގުޅޭ ކަންކަން ބެލެހެއްޓުމުގައި ގުޅިލާމެހިފައިވާ އަދި ވިލަރެސް ކުރެވިފައިވާ ނިޒާމެއް ކުރިއެރުވުމަށް ކަމަށް ރައީސް އޮފީހުބ މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.