މާލޭގައި ހުކުރު ދުވަސްތަކުގެ ހެނދުނު ބަންދުކުރާނެ މަގުތައް ފާހަގަކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އެ މަގުތައް އިއުލާނުކުރާކެމަކަށް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާ ސަރުކާރު ވެރިކަމަށް އައުމަށްފަހު ފުރަތަމަ ފަހަރަށް މީޑިއާއާ ބައްދަލުކުރައްވަމުން ހައުސިންގް މިނިސްޓަރު އާތިފާ ވަނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މިނިސްޓްރީން ހާސިލުކުރަންޖެހޭ ކަންކަން ހާސިލުކުރުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރައްވާފައެވެ.

ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރެއިން މާލޭގައި ކަނޑައެޅޭ މަގުތަކެއް ހުކުރު ދުވަހުގެ ހެނދުނު ބަންދުކޮށް، އާއިލާއާއި ކުޑަކުދިންނަށް ޖަޒީރާ މާހައުލެއް ހޯދައިދިނުމުގެ ވައުދު ހިމެނެއެވެ.

މިނިސްޓަރު އާތިފާ މިއަދު ވިދާޅުވީ އެ ވައުދު ފުއްދުމަށްޓަކައި ފުލުހުންނާއި މާލެ ސިޓީ ކައުންސިލާއެކު ޓެކްނިކަލް ލެވެލްގައި ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށާއި، އަދި ސަރަހައްދުތަކެއްވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތަކީ އިދާރީ ގޮތުން އެކަން ހިންގުމަށްޓަކައި ކަނޑައަޅަންޖެހޭ އުސޫލުތަކާމެދު މަޝްވަރާކޮށް، ނިންމަންޖެހޭ ކަންކަން ނިންމުން ކަމަށެވެ.

އަދި ހުކުރު ދުވަސްތަކުގެ ހެނދުނު ބަންދުކުރާނެ މަގުތަކާއި ސަރަހައްދުތައް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި ފައިނަލްކުރެވި، އިއުލާނުކުރާނެކަމަށް ހައުސިންގް މިނިސްޓަރު އާތިފާ ވިދާޅުވިއެވެ.