31 Dec 2018, 08:58
ޑާކްރެއިން އެންޓަޓެއިންމަންޓްގެ ކުރިއަށް އޮތް ފިލްމު އަދި އަހަރުގެ ދެވަނަ ފިލްމު "ގޮށްރާޅު"ގެ ތިން ޝޯ ދުވާލަކު އެޅުވުމަށް ނިންމައިފިއެވެ.
ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމު ދުވާލަކު ފިލްމުގެތިން ޝޯ އޮލިމްޕަހުގައި އަޅުވަން ނިންމި މައިގަނޑު ސަބަބަކީ ގިނަ ބެލުންތެރިންނަށް ފިލްމު ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.
"ވަޒީފާތަކަށް ދާ ކުދިން ތިބޭނެ. ޝިފްޓް ޑިއުޓީގަ އުޅޭ ކުދިން ވެސް ތިބޭނެ. އެފަދަ ކުދިންނަށް ވިސްނާފައި ފިލްމު ތިންއިރު އަޅުވަން ނިންމީ،"
މޮގާ އިތުރަށް ބުނީ ފިލްމު އެޅުވުމަށް އޮލިމްޕަސް ލިބުނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އޭނާ ބުނި ކުޑަ މުއްދަތެއްގެ ތެރޭގައި ގިނަ ބެލުންތެރިންނަށް ފިލްމު ދައްކާލުމުގެ ފުރުސަތު ދިނުމަށް "ދުވާލަކު ތިން ޝޯ އޮލިމްޕަހުގައި ދައްކަން ނިންމީ" ކަމަށެވެ.
"ގޮށްރާޅު" އަޅުވަން ނިންމާފައިވަނީ ހަވީރު 16:00، ރޭގަނޑު 21:00 އަދި ރޭގަނޑު 23:00 ގައެވެ.
ފިލްމުގެ ޓިކެޓް ޖެނުއަރީ ހަތަރުވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު ދިހަ އަކުން ރޭގަނޑު ދިހައަކަށް އޮލިމްޕަހުން ގަންނަން ލިބޭނެއެވެ.
"ގޮށްރާޅު"ގެ ޓިކެޓްގެ އަގު އުޅެނީ 100 ރުފިޔާ އަށެވެ.
މީގެ ކުރިން "ސަން" އަށް ދިން އިންޓަވިއެއްގައި މޮގާ ބުނީ އުންމީދަކީ ވީހާވެސް ގިނަ ބަޔަކު ޓިކެޓް ގަތުން ކަމަށެެވެ.
މާލޭގެ އިތުރުން އެ ފިލްމު ހުޅުމާލޭ ޝްވެކް ސިނަމާގައި ވެސް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ރަށްރަށުގައި "ގޮށްރާޅު" އަޅުވަން ބޭނުންނަމަ 9911229 ނަމްބަރަށް ގުޅައިގެން ނުވަތަޑާކްރެއިންގެ ފޭސްބުކް ޕޭޖަށްމެސެޖްކޮށްގެން ހަމަޖެއްސިދާނެ ކަމަށް ވެސް މޮގާ ބުންޏެވެ.
ހޮޓްލައިން ނަމްބަރު އެކްޓިވް ވާނީ ޖެނުއަރީ އެކަކުން ފެށިގެންނެވެ. އޭގެ ކުރިން ބުކް ކުރަން ބޭނުން ނަމަ މެސެޖް ކުރުމުން ރެސްޕޮންޑުކުރާނެއެވެ.
"ގޮށްރާޅަކީ މަސައްކަތުގެ ތެރެއިން މީހަކު އުފައްދާ ހަމަނުޖެހުމަކަށް ކިޔާ ނަމެއް،"
އެ ފިލްމަކީ "ކްރައިމް ތްރިލާ" ފިލްމެކެވެ. ގޮށްރާޅު ޑައިރެކްޓް ކުރަނީ އަހުމަދު ޝިނާން އެވެ.
ފިލްމުގެ ޝޫޓިން މަސައްކަތް ނިމި ޝައުގުވެރި ޓްރެއިލާއެއް ބެލުންތެރިންނަށް ދޫކޮށްލާފައި ވާއިރު ބެލުންތެރީން އަންނަނީ ފިލްމަށް އިންތިޒާރު ކުރަމުންނެވެ.
ޑައިރެކްޓަރު މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް ހަދާ އެ ފިލްމުގެ ތަރީންގެ ގޮތުގައި ފެނިގެން ދާނީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފް ވާ ތަރީން ކަމަށްވާ ތަސްނީމާ، ޔަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރި ވާނެ ބައެއް ތަރިންނަކީ ނާޝިދު، ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.
މި ފިލްމަކީ މުޖުތަމައުއަށް ވަރަށް ރަނގަޅު މެސެޖެއް ގެނެސްދޭނެ ފިލްމެއް ކަމަށް ފިލްމު އުފައްދާ ފަރާތުން ބުނެއެވެ.