03 Oct 2011, 14:07
ވިލާ ކޮލެޖާއި އޯޕަން ޔުނިވާސިޓީ މެލޭޝިޔާއާ ގުޅިގެން ވިލާ ކޮލެޖުގައި ހިންގި ތިން އަހަރު ދުވަހުގެ ޑިގްރީ ޕްރޮގްރާމް ނިންމައި ފުރަތަމަ ފަހަރަށް ޑިގްރީ ހާސިލުކުރި ދަރިވަރުންނަށް ލިއުންދީފި އެވެ.
ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކުލަ ގަދަ އަދި ހައިބަތު ބޮޑުގޮތަކަށް ބޭއްވި ހަފްލާގައި ވިލާ ކޮލެޖުގެ 62 ދަރިވަރަކު ޑިގްރީ ހާސިލުކޮށް، އެވޯޑް ހާސިލުކުރި އެވެ.
އޯޕަން ޔުނިވަސިޓީ މެލޭޝިޔާގެ ޗާންސެލަރު ތުން ޖީން އަބްދުﷲ ޝަރަފުކޮށްދެއްވި، އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތް ހަފުލާގައި ވިލާކޮލެޖުގެ ފައުންޑާ ގާސިމް އިބްރާހީމަށް އޯޕަން ޔުނިވަސިޓީ މެލޭޝިޔާގެ މެރިޓޯރިއަސް އެވޯޑެއް ދިނުން ވެސް ރޭގެ ހަފުލާގައި އޮތެވެ.
އެ ހަފްލާގައި ވާހަކަ ދައްކަވަމުން ތުން ޖީން އަބްދުﷲ ވިދާޅުވީ ރޭ ގްރެޖުއޭޓްވި ދަރިވަރުންނަށް ލިބިފައި ހުރި ތައުލީމާއި ތަޖުރިބާގެ އަލީގައި ރާއްޖެ އަށް ގިނަ ހިދުމަތްތަކެއް ކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެ ދަރިވަރުންނަށް އޭނާ މަރުހަބާ ވިދާޅުވި އެވެ.
ރޭގެ ހަފްލާގައި ވާހަކަ ދައްކަމުން ވިލާ ކޮލެޖްގެ ފައުންޑާ ގާސިމް އިބްރާހިމް ވިދާޅުވީ ވިލާ ކޮލެޖު ވުޖޫދަށް ގެނައުމުގެ މަގްސަދަކީ ދިވެހިންނަކީ އެކި ދާއިރާތަކުން ތައުލީމު އުގެނިގެން ތިބި ބަޔަކަށް ހަދުން ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ހިދުމަތްތަކެއް ކޮށްދެއްވުމުގެ ގޮތުން ފެއްޓެވި މަސައްކަތެއް ކަމަށެވެ. އަދި އޭނާގެ އުއްމީދަކީ ޕްރައިމަރީން ފެށިގެން ޕީއެޗްޑީ އާ ހަމަޔަށް ރާއްޖޭގެ ޒުވާނުންނަށް ތައުލީމު އުގެނުމުގެ ފުރުސަތު ހޯއްދަވައިދެއްވުން ކަމަށް ވިދާޅުވި އެވެ.