30 Dec 2018, 11:59
ޖެންޑާ މިނިސްޓްރީން ކުޑަކުދިންނާ ގުޅޭ ސިޔާސަތުތައް އެކުލަވާލާ އިރުގައި ކުޑަ ކުދިންގެ ހިޔާލު ހޯއްދަވާނޭ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
މިއަދު ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިދާތާ ވިދާޅުވީ، ކުޑަކުދިންގެ ހިޔާލު ހޯދައިގެން ސިޔާސަތުތައް އެކުލަވާލުމަކީ އާންމު ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ކުޑަ ކުދީންގެ ހިޔާލު ހޯދައިގެން ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އެހާ އާންމު ސަގާފަތަކަށް ނޫންކަމުގައިިވީ ނަމަވެސް ކުޑަކުދިންގެ ހިޔާލު ހޯދައިގެން ކުޑަކުދިންނާ ސިޔާސަތުތައް އެކުލަވާލުމަކީ އަޅުގަނޑުމެން މުހިންމު ކަމެއް ދީގެން ކުރާނޭ ކަމެއް. އެ މަސައްކަތް މިހާރުވެސް އެގޮތަށް އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން،" އޭނާ ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ މައްސަލަތައް މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އެ މިނިސްޓްރީއަށް 2800 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅިފައިވެ އެވެ. އޭގެ ތެރެ އިން 1300 މައްސަލައަކީ ކުޑަކުދިންނާ ގުޅޭ މައްސަލަަ އެވެ. އަދި މި އަހަރުގެ މިހާހިސާބަށް 2345 މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ. ޝިދާތާ ވިދާޅުވީ މިނިސްޓްރީއަށް މި އަހަރު ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަ މައްސަލަތަކަކީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ކަމަށެވެ.
ޖެންޑާ މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން އެ މިނިސްޓްރީއަށް މައްސަލަ ރިޕޯޓު ކުރެވޭ ނިޒާމު ހަރުދަނާ ކުރާނޭ ކަމަށްވެސް މިނިސްޓަރު މިއަދު ވިދާޅުވިއެވެ.
އަތޮޅުތެރޭގައި ރައްޔިތުންނާ ގާތުން ހިދުމަތް ދެވޭ ގޮތަށް މަސައްކަތް ބަދަލު ކުރަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެހެން ކަމުން ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަންގެ ތެރެެއިން ނެޓުވޯކުތައް އެކުލަވާލެވި، ރަށު ފެންވަރުގައި މަސައްކަތް ކުރަން މިހާތަނަށް 89 ރަށެއްގައި ކޮމިއުނިޓީ އެކުލަވާލެވިއްޖެ ކަމަށް ޝިދާތާ ވިދާޅުވި އެވެ.
އޭގެ އިތުރުން މިއަދު ޝިދާތާ ވަނީ ޖެންޑާ މިނިސްޓްރީން މި ސަރުކާރުގެ 30 ދުވަހުގެ ތެރޭގައި ފުއްދާފައިވާ ވައުދުތައްވެސް ހާމަ ކުރައްވާފައެވެ.
30 ދުވަހުގެ ތެރޭގައި ފުއްދާފައިވާ ވައުދުތައް:
- އައިޑީކާޑުގެ މުއްދަތު ހަމަވި ނަމަވެސް އާސަންދައިގެ ހިދުމަތް ލިބޭނޭ ގޮތަށް ހެދުމުގެ ވައުދު.
- ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް އާ ގާނޫނެއް އުފެއްދުމުގެ ވައުދު.
- ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތެރެޕީގެ ހިދުމަތް އާސަންދައިގެ ތެރެއިން ދިނުމުގެ ވައުދު.
- ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގެ ވައުދު.
އޭގެ އިތުރުން ކުރިއަށް އޮތް 70 ދުވަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީން ކުރާނޭ މަސައްކަތްތައްވެސް މިނިސްޓަރު ޝިދާތާ ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން ކުދިން ދަރުމައަށް ބަލާނެ އާއިލާތަކާ ކުދިން ހަވާލު ކުރުން އިތުރަށް ހަރުދަނާ ކުރުމާއި، އާއިލާތައް ހުންނަ ކުދިން އެ ކުދިންގެ އާއިލާތަކަށް ފޮނުވުމުގެ މަސައްކަތް ހަރުދަނާ ކުރުމާއި، މިނިސްޓްރީގެ ދަށުން ކުޑަކުދިން ބައިތިއްބާ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިދާތާ އިތުރަށް ވިދާޅުވީ، ރައީސް ޞާލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން، އިންޑިއާ ލަންކާ އަދި މެލޭޝިއާގައި އުޅޭ ފަރާތްތަކަށް އާސަންދައިގެ ހިދުމަތް ލިބޭނޭ ގޮތް 100 ދުވަހުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ސެންޓަރުގެ މަސައްކަތް ފުޅާ ކުރާނޭ ކަމަށާއި، ރާއްޖޭގައި ތިން ސަރަހައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.