"ޖަންކް ފުޑާއި އެނާޖީ ޑްރިންކްސް"ތަކާއި އަދި ގިނައިން ހަކުރު އެކުލެވޭ ބުއިންތަކާއި ކާނާތަކުން ދުރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ދިވެހި ބޭސްވެރިކަމާއި އަލްޓަނޭޓިވް ބޭސްވެރިކަން ކުރިއެރުވުމާ ބެހޭ މަހާސިންތާ މިއަދު ހޮޓެލް ޖެންގައި އިފުތިތާހުކޮށްދެއްވައި ރައީސް ވިދާޅުވީ، ކުލުނުވެރި ސިއްހީ ނިޒާމެއް ގާއިމު ކުރެވޭނީ ހަމަ އެކަނި ރަނގަޅު ބޭސްފަރުވާއަކުން ނޫން ކަމަށާއި ދިރިއުޅުމުގެ ނުރަނގަޅު އާދަތައް ދޫކޮށް، ހެލިފެލި އުޅޭ ހަރަކާތްތެރި ދިރިއުޅުމަކަށް މިސްރާބު ޖަހައިގެން ކަމަށެވެ.

"އަޅުގަނޑު މިއަދު ހުރިހާ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރަނީ، ޖަންކް ފުޑާއި އެނާޖީ ޑްރިންކްސްތަކާއި ގިނައިން ހަކުރު އެކުލެވޭ ބުއިންތަކާއި ކާނާތަކަށް ނޫނެކޭ ބުނާ ބަޔަކަށް ވުމަށް،" ރައީސް ސޯލިހް އިލްތިމާސް ކުރެއްވި އެވެ.

"ދިރިއުޅުމުގެ ނުރަނގަޅު އާދަތައް ދޫކޮށް، ހެލިފެލި އުޅޭ ހަރަކާތްތެރި ދިރިއުޅުމަކަށް އަޅުގަނޑުމެން މިހާރުއްސުރެ ހިޖުރަކޮށްގެން. ސިއްހަތަށް ގެއްލުން ހުރި ކާނާތަކަށް އަލްވަދާއު ކިޔައި ފައިދާ ހުރި ކާނާއަށް މަރުހަބާ ކިޔައިގެން،"

ބަލިވުމުގެ ކުރިން ބައްޔަށް ފަރުވާތެރިވުމަކީ އެތައް ގުނައަކުން ވޭން ކުޑަ ކުރެވޭނެ ކަމެއް ކަމަށާއި ބަލިވުމުގެ ކުރިން ބަޔަށް ފަރުވާތެރިވާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަގީގީ ތަރައްގީ އަކީ އިންސާނާގެ ނަފުސަށާއި އޭނާގެ ޒާތަށް އަންނަ ތަރައްގީއެއް. އެ ތަރައްގީ ހާސިލު ކުރެވޭނީ އިންސާނާގެ ވިސްނުމަށާއި ފިކުރު ތަރައްގީވެ، ކުރިއަރުވައިގެން. އެކަން ހާސިލްކޮށްގެން މެނުވީ އިންސާނާގެ ވިސްނުމާއި ފިކުރުން އުފެއްދުންތެރި ނަތީއްޖާއެއް ހާސިލު ނުކުރެވޭނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ސިއްހަތަށް ގެއްލުން ހުރި ބުއިންތަކާއި ކާނާތަކުން ދުރުވުމަށް ރައީސް ސޯލިހު މިއަދު ގޮވާލެއްވި އިރު، ނައިބު ރައީސް ފައިސަލް ނަަސީމް ވަނީ އެނާޖީ ޑްރިންކްސް އާއި ސިއްހަތަށް ގެއްލުން ހުރި އެކި އެކި ބުއިންތައް ބުއިން މިދިޔަ ހަފްތާ އިން ފެށިގެން ހުއްޓާލާފައި ކަމަށް އިއުލާން ކުރައްވައިފަ އެވެ.