ޑާކާ (ޑިސެމްބަރު 30): ބަންގުލާދޭޝްގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށްޓަކައި ބާއްވާ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.

މިއަދު ހަވީރު 16:00އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ބެލެވޭ އެ އިންތިހާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށްޓަކައި 600،000 (ހަ ލައްކަ) ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގައުމުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 100 މިލިއަނަށް އަރަ އެވެ.

ބަންގުލާދޭޝްގެ ބޮޑުވަޒީރު ކަމުގެ ތިން ވަނަ ދައުރަކަށް ކުރިމަތިލައްވާ ޝޭހު ހަސީނާ ވަނީ ޑާކާގައި ވޯޓު ދެއްވާފަ އެވެ.

އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑިއަށް ވެރިކަން ކުރާ އަވާމީ ލީގު ހިމެނޭ އެލަޔަންސާއި އިދިކޮޅު ބަންގުލާދޭޝް ނެޝަނަލިސްޓު ޕާޓީ (ބީއެންޕީ) އިސްކޮށް އޮންނަ އެލަޔަންސުން ޖުމްލަ 1،841 ކެނޑިޑޭޓުން ވާދަ ކުރެ އެވެ.

އެއިންތިހާބާ ދިމާކޮށް، ސައްހަ ނޫން މައުލޫމާތާއި ޕްރޮޕަގަންޑާ ފެތުރުން ހުއްޓުވުމަށްޓަކައި އިންޓަނެޓު ސްޕީޑު ވަނީ ދަށްކޮށްފަ އެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ވަނީ އެއީ އިންސާފުވެރި އިންތިހާބެއް ކަމާ މެދު ސުވާލު އުފައްދާފަ އެވެ. ސަބަބަކީ މި އަހަރު ބަންގުލާދޭޝްއިން ވަނީ މައި އިދިކޮޅު ލީޑަރު ޚާލިދާ ޒިއާ 17 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އޭގެ ސަބަބުން އޭނާ އިންތިހާބުގައި ވާދަ ކުރެއްވުން ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން، އިދިކޮޅު ފަރާތްތަކުން ވަނީ އިންތިހާބާ ދިމާކޮށް އެގައުމުގެ ފުލުހުން 10،500 އަށް ވުރެ ގިނަ އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.