ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލަށް ވުރެން އިތުރަށް، ރިސޯޓުތަކުގައި ދިވެހި މުވައްޒަފުން ގެންގުޅޭ ނަމަ، އެ ރިސޯޓަކުން ދައުލަތަށް ދައްކަންޖެހޭ ޓެކުހަށް ލުޔެއް ދޭން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ބޭއްވި ގެސްޓްހައުސް މަހާސިންތާ ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ސޯލިހު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ގިނައިން ރިސޯޓްތަކުގައި ބިދޭސީ މުވައްޒަފުން ގެންގުޅޭ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.

"އެކަން ހައްލު ކުރުމަށް ސަރުކާރުގެ އެއް ވިސްނުމަކީ ދިވެހިން ގެންގުޅެން ޖެހޭ މިންވަރަށް ވުރެ ގަނައިން ދިވެހިން ގެންގުޅޭ ނަމަ އެ ރިސޯޓަކަށް ނުވަތަ އެ ގެސްޓްހައުސަކަށް ޓެކްސް އިންސެންޓިވްއެއް [ލުޔެއް] ދިނުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފިޔަވަޅު ވެގެންދާނީ ދިވެހިންނަށް ރިސޯޓު ވަޒީފާ ކަށަވަރު ކުރަން އެޅޭ މުހިންމު ފިޔަވަޅަކަށް ކަމަށެވެ.

ރާއްޖޭގެ ރިސޯޓް ތަކުން މުވައްޒަފުންނަށް ދޭން ޖެހޭ ސާވިސްޗާޖު ގާނޫނާއި އެއްގޮތަށް ދެމުން ގެންދޭތޯ ކަށަވަރު ކުރުމުގެ މަސައްކަތް ވެސް ޓޫރިޒަމް މިނިސްޓްރީން ކުރާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، ގެސްޓްހައުސް ވިޔަފާރި ތަރައްގީ ކުރެވެން އޮތީ ރަށްރަށް ތަރައްގީ ކުރެވިގެން ކަމަށެވެ. އެގޮތުން ރަށްރަށުގެ ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި ބަނދަރު ހެދުމާއި ސިއްހީ ހިދުމަތުގެ ފެންވަރު ފަދަ ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.