އަންނަ އަންގާރަ ދުވަހުން ފެށިގެން ޓުއަރިޒަމް މިނިސްޓްރީއަށް ވަގުތުން ވަގުތަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ގެސްޓް ހައުސް ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އަޑު އެހުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ފެށި ސިމްޕޯޒިއަމް ނިންމާލުމުގެ ރަސްމިއްޔާތުގައ މިރޭ ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، މީގެ ކުރިން ސަރުކާރާއި ރައްޔިތުންނާ ގާތްކަން އޮތުން އެއީ ވަރަށް ދުރުގަ އޮންނަ ކަމެއް ކަމަށާއި ޓުއަރިޒަމް މިނިސްޓްރީން ބޭނުންވަނީ ރައްޔިތުނާ ގަތުން މަސައްކަތް ކުރަން ކަމަށެވެ.

"ނަމަވެސް މިރޭ އަޅުގަނޑު އިއުލާން ކުރަން ބޭނުންވަނީ އަންނަ މަހުގެ އެކަކުން ފެށިގެން ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ދެ ނަމްބަރެއް، 77223131 އަދި 9423131 އިން ސީދާ އަޅުގަނޑުމެންގެ މިނިސްޓްރީގެ ބިއުރޯއަށް [ގުޅޭނެ]، މުވައްޒިފުން އަދި އިންޑަސްޓްރީގެ ބޭފުޅުންނަށް ވެސް ކޮންމެ ކަމަކާ ގުޅޭގޮތުންވެސް ވަގުތުން ޝަކުވާ ހުށަހެޅޭނެ،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކޮންމެ ކަމަކާ ގުޅޭގޮތުންވެސް ޝަކުވާ ހުށަހެޅޭނެ ކަމަށާއި އަދި އެ ޝަކުވާތައް ވަގުތުން ބެލޭނެ ކަމަށެވެ.

"ވަގުތުން އެ ޝަކުވާތައް ބަލައި، ވަގުތުން ވަގުތަށް އެ ޝަކުވާތަކަށް އެޓެންޑް ކުރެވޭނެ ގާތްކަން އަޅުގަނޑުމެން ގާއިމު ކުރެވޭނެ،" އަލީ ވަހީދު ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބޭނުންވަނީ ޓުއަރިޒަމް ސިނާއަތުގެ ކަންކަމުގައި ވަގުތުން އެހީތެރެވެދޭން ކަަމަށާއި ރައްޔިތުންގެ އަޑު އަހައިގެން ނޫނީ ސަރުކާރު ކާމިޔާބު ނުވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.