މިއަހަރުގެ ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރުމަންޓް އާއި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީއާ ގުޅިގެން ހުޅުމާލޭގައި ބައިސްކަލް ރޭހެއް ބާއްވަން ނިންމައިފި އެވެ.

މިއަހަރުގެ އޯޒޯން ދުވަހަކީ 16 ސެޕްޓެމްބަރު އެވެ.

ވޭތުވެދިޔަ އަހަރުވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ މިފަދަ ރޭހެއް ކުރިއަށް ގެންގޮސްފަ އެވެ. އަންނަ ހުކުރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ މުބާރާތާ ބެހޭގޮތުން މިނިސްޓްރީން ބުނީ، މިފަހަރުގެ ބައިސްކަލް ރޭހުގެ މަގުސަދަކީ، ތިމާވެއްޓާއި ރައްޓެހި ދިރިއުޅުމުގެ އާދަތަކަށް ހިތްވަރުދީ ފޮސިލް ފިއުލް ބޭނުންކުރުން މަދުކޮށް ކާބަން ނިއުޓްރަލް ގައުމަކަށް ވުމުގެ ލަނޑުދަނޑި ހާސިލްކުރުން ކަމަށެވެ.

ހަ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ވަނަތަކަށްދާ ފަރާތްތަކަށް ފައިސާގެ އިނާމާ ބައިސްކަލް ދޭ ގޮތަށް ހަމަޖެހިފައިވާ އިރު ތިމާވެއްޓާރަށްޓެހި ބާވަތްތަކުގެ އިނާމުދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިމުބާރާތުގެ ހުރިހާ ބައިވެރިންނަށް އެކްސިޑެންޓްކަވާ އެލައިޑް އިންޝުއަރެންސްގެ ފަރާތުން ހަމަޖައްސާފައިވާއިރު، ބައިވެރިވުމުގެ ފުރުސަތު މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. އަދި މުބާރާތުގައި ކޮންމެ އުމުރުފުރައެއްގެ މީހަކަށް ބައިވެރި ވެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އަދި މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް އެންވަޔަރަމަންޓް މިނިސްޓްރީ އާއި އަގޯރާ ފިހާރަތަކުން ލިބޭނެ އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލަފަ އެވެ.