ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހަދަން ސައުދީން ފައިސާ ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށާއި، ޓާމިނަލުގެ މަސައްކަތް ފެށި ހަލުވި ކަމާ އެކު ނިމޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެއާޕޯޓުގެ ޓާމިނަލު ހެދުމަށް ހަރަދުކުރަން ކަނޑައަޅާފައިވާ 680 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ލިބެނީ މާލީ ތަފާތު އިދާރާތަކުންނެވެ. އެއީ އަބޫދާބީ ފަންޑާއި، ކުވެއުތު ފަންޑާއި ސައުދީ ފަންޑާއި، އޯޕިޑް ފަންޑުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދެނީ ސައުދީ ފަންޑުންނެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ގެސްޓްހައުސް މަހާސިންތާ ނިންމުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ޓާމިނަލްގެ މަސައްކަތް މެދުކެނޑިފައި ވަނީ ފައިސާދޭ އިދާރާތަކުން ފައިސާ ދިނުން މެދުކަނޑާލާފައިވާތީ ކަމަށެވެ.

"އެތައް ސަބަބުތަކާ ހުރެ ފައިސާ ދޭ ފަރާތުން ފައިސާ ދިނުން ވަނީ މަޑު ޖައްސާލައިފައި. އެހެން ނަމަވެސް، އަޅުގަނޑުމެން މި ވީ ދެ ހަފްތާގެ ތެރޭގައި ކުރެވުނު މަސައްކަތުގެ އަލީގައި އެކަމަށް އެންމެ ބޮޑު ލޯނު އެހީ ދޭ ފަރާތް ކަމުގައިވާ ސައުދީ އަރަބިއްޔާއިން އަނެއްކާވެސް އެއަށް ބޭނުންވާ ފައިސާ ދޭނެ ކަމުގެ ޔަގީކަން ވަނީ ދީފައި." ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ޓާމިނަލުގެ މަސައްކަތް ފެށި މިހާރު އެ މަސައްކަތް ނިންމަން ރާވާފައިވާ މުއްދަތަށް ވުރެ އަވަހަށް އެ މަސައްކަތް ނިންމޭނޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އަންނަ އަހަރަށް ފާސް ކޮށްފައިވާ ބަޖެޓުގައި ވަނީ ޓާމިނަލް ޕްރޮޖެކްޓަށް އަބޫދާބީ ފަންޑުން 188.6 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ. އަބޫދާބީ ފަންޑުން ޓާމިނަލް ޕްރޮޖެކްޓަށް 2017 ވަނަ އަހަރު 12.9 މިލިޔަން ރުފިޔާ ދީފައިވާއިރު، މި އަހަރު އެއްވެސް އަދަދެއް ދީފައެއް ނުވެ އެވެ.

ސައުދީ ފަންޑުން ޓާމިނަލް ޕްރޮޖެކްޓަށް އަންނަ އަހަރު 185 މިލިޔަން ރުފިޔާ ދޭނެ ކަމަށް ބަޖެޓުކޮށްފައިވެ އެވެ. ސައުދީ ފަންޑުން 2017 ވަނަ އަހަރު އެ ޕްރޮޖެކްޓަށް 38.8 މިލިޔަން ރުފިޔާ އަދި މި އަހަރު 358.9 މިލިޔަން ރުފިޔާ ދީފައިވާ ކަމަށް ބަޖެޓު ފޮތުގައި ބުނެފައި ވެއެވެ.

ކުވައިތު ފަންޑުން އެ ޕްރޮޖެކްޓަށް 152.7 މިލިޔަން ރުފިޔާ އަންނަ އަހަރު ދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާއިރު، އެ ފަންޑުން މީގެ ކުރިން ޓާމިނަލް ޑިވެލޮޕްމަންޓަށް ލޯނު ދީފައެއް ނުވެއެވެ.

ޓާމިނަލް ޑިވެލޮޕްމަންޓަށް އަންނަ އަހަރު އޯފިޑުން ވެސް 154 މިލިޔަން ރުފިޔާ ދޭނެ ކަމަށް ބަޖެޓުގައި ބުނެފައިވާއިރު، މީގެ ކުރިން އޯފިޑުން ވެސް މި ޕްރޮޖެކްޓަށް ލޯނު ދީފައެއް ނުވެ އެވެ.