ރާއްޖޭގެ ތިން ސީޓީއެއްގެ ހިއްސާ އޮންނަ ގޮތަށް އެސްއެމްއީ ބޭންކު އެކުލަވާލައި އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ލޯނު ދޭން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ބޭއްވި ގެސްޓްހައުސް މަހާސިންތާ ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ ބޭންކުގެ ހިދުމަތް ފެށޭނެ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ ކުރިއަށް މި އޮތް ފެބްރުއަރީ މަހުގެތެރޭގައި އެސްއެމްއީ ބޭންކެއް ހުޅުވުމުގެ މަސައްކަތް ފެށުމުގެ އަމަލީ މަސައްކަތް ފެށި، އަދި ފެށުމުގެ ގޮތުން ފުރަތަމަ ފައިނޭންޝަލް އިންސްޓްޓިއުޝަނެއް ގާއިމްކޮށް، ފެބްރުއަރީ މަސް ނިމުމުގެ ކުރިން ގެސްޓްހައުސް އެޅުމަށް ބޭނުންވާ ލޯނު އަދި ގެދޮރު އިމާރާތްކުރުމަށް ލޯނު ހަމަޖެހިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ސަރުކާރުން އެސްއެމްއީ ފައިނޭންސިން އެންޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަންގެ ނަމުގައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއް ހެދުމަށެވެ. އަދި އެ ކުުންފުނި ފުރަތަމަ ފަށާނީ ޑިޕޮސިޓު ނުނަގާ ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގެ ގޮތުގަ އެވެ.

"މެދުރާސްތާގައި އެސްއެމްއީ ބޭންކެއްގެ ގޮތުގައި ޑިޕޮސިޓުވެސް ނެގޭ ގޮތަށް ބަދަލުވެގެން ދާނެ. މާތްﷲގެ ވާގިފުޅާ އެކީގައި މި ކުންފުނިން ލޯނު ނެގުމުގެ މަސައްކަތް ފެބްރުއަރީ މަހުގެ ތެރޭގައި ފެށިގެން ދާނެ،"

ރައީސް ސޯލިހު ވިދާޅުވީ، އެސްއެމްއީ ބޭންކު ގާއިމް ކުރާނީ ފުވައްމުލައް، އައްޑޫ އަދި މާލޭ ސިޓީގެ ހިއްސާ އޮންނަ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން މި އުފައްދާ އެސްއެމްއީ ބޭންކުގައި ލާމަރުކަޒީ ނިޒާމަށް ފުރުސަތު ދިނުމުގެ ގޮތުން މިވަގުތު އޮތް ތިން ސިޓީ ކަމުގައިވާ މާލޭ ސިޓީއާ އައްޑޫ ސިޓީއާ ފުއްވައްމުލައް ސިޓީގެ ހިއްސާ ހިމެނޭ ގޮތަށް އެ ބޭންކު އުފެދިގެންދާނެ،"

ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ގެސްޓްހައުސްތަކަށް ދިމާވާ މާލީ އަދި ފަންނީ ދަތިތައްވެސް ހައްލު ކުރަން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ގެސްޓްހައުސްތައް ހެދުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްއެމްއީ ބޭންކެއް ގާއިމް ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.