"ދިވެހި ތާރީހާއި ދިވެހި އަދަބިއްޔާތުގެ އުދަރެހުން އެ ގެއްލުނީ ރަން މުތެއް. އަދަބުގެ ހަޒާނާއެއް. ދާއިމަށް ބީވި ރަން މުތެއް ފަދަ ބޭފުޅެއް ނަދުވީ އަކީ."

މިއީ ދިވެހި އަދަބިއްޔާތާއި ދިވެހި ތާރީހުގެ އިލްމުވެރިޔާ، މ. މޫންޑްރޮޕްސް، އަލްއުސްތާޛު މުހައްމަދު ވަހީދު ނަދުވީ ނިޔާވުމާ ގުޅިގެން، ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފު އަލީ ހިތާމައާ އެކު ވިދާޅުވި ބަސްކޮޅެކެވެ.

ތެދުފުޅެކެވެ. އަޝްރަފު ވިދާޅުވިހެން ހަގީގަތުގައި ވެސް ދިވެހި ތާރީހާއި އަދަބިއްޔާތަށް ގެއްލިގެން އެ ދިޔައީ އަގުހުރި ޖަވާހިރެކެވެ. ނަދުވީ ދޫކުރައްވާފައި ވަޑައިގެންނެވީ، އިލްމީ ބަހުސާއި ދިރާސާ ކުރުމުގެ ލާމަސީލު މިސާލުތަކެވެ. ފައިދާ ހުރި، މުހިންމު މަސައްކަތްތަކެކެވެ.

ނަދުވީ އަކީ އޭނާ ކުރެއްވި ދިރާސަތަކާއި ހޯއްދެވި ހޯއްދެވުންތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް އިލްމީ ބަހުސް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާ އަކީ އެކަމުގައި އަރައި ހުންނެވި ބޭފުޅެކެވެ. ދިވެހި ތާރީހާއި އަދަބިއްޔާތަށް ހިދުމަތް ކުރައްވަމުންގެންދަވާ ބޭބޭފުޅުންވެސް އެކަމަށް ހެކިވެވަޑައިގަންނަވަ އެވެ.

އެގޮތުން، ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފު އަލީ ވިދާޅުވީ، ނަދުވީ އަކީ ހާސަރު ވިދާޅުވި ބޭފުޅެއް ނޫން ކަމަށާއި، އޭނާ އަކީ އިލްމީ ބަހުސް ކުރުމުގައި އަރައި ހުންނެވި ބޭފުޅެއް ކަމަށެވެ.

"ނަދުވީ އަކީ އިލްމީ ބަހުސް ކުރައްވާ ބޭފުޅެއް. ނަދުވީ އަކީ ހާސަރު ވިދާޅުވި ބޭފުޅެއް ނޫން. ނަދުވީ ވާހަކަފުޅު ދައްކަވަނީ ވަރަށް ގިނަ ހެކިތަކެއްގެ މައްޗަށް. ވަރަށް ގިނަ އެއްޗެއް ވިދާޅުވެފައި."

ނަދުވީ ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފު އަލީއާ އެކު ---

އަޝްރަފު ވިދާޅުވި ގޮތުގައި ނަދުވީ ކަމެއްގައި އޭނާގެ ރައުޔު ހާމަ ކުރައްވާނީ ވެސް އެތައް ހެތްކަކާއި ސަަބަބުތަކެއް ދެއްކެވުމަށް ފަހު އެވެ. އަދި އޭނާ އަކީ ތަފްސީލީ ދިރާސާތަކެއް ކުރެއްވި ބޭފުޅެއް ކަމުގައި ވިދާޅުވި އެވެ.

"އެންމެ ތަންކޮޅެއް އޮޅުންފިލުވުމަށްޓަކައި އެތައް އެއްޗެއް ބައްލަވާނެ. އެތައް މަސްދަރެއް ބައްލަވާނެ. އަދި އޭގެ އަސްލަކީ ކޮަބައިތޯ ވަރަށް ރަނގަޅައް ބައްލަވައި ހޯއްދަވާނެ. ހަމަ އެކަނި އޭގެ އަސްލު މަސްދަރު ނުވަތަ ފަސްޓް ސޯސް އޮތީ ކޮންތާކުތޯ ކިހިނެއްތޯ އެ ބައްލަވާފައި އެއަށް ޖަވާބު ހޯއްދަވާނެ. އޭގެ މައްޗަށް ހަމަޖައްސަވާފައި ނަދުވީއަށް ފެނިވަޑައިގަންނަވާ އެއްޗެއް ވިދާޅުވާނެ،"

"އޭނާ ތާރީހު ދިރާސާ ކުރެއްވުމުގެ މަސައްކަތް ކުރައްވާފައި ވަނީ ވަރަށް އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކީގައި. ތައައްސުބެއް ނެތި. ވަކި އަތަކަށް ނުޖެހި،" އަޝްރަފު ވިދާޅުވި އެވެ.

ދިވެހި ބަހާއި ތާރީހު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ މުހައްމަދު ނާޖިހު ވިދާޅުވީ، ނަދުވީ އަކީ ދިވެހި ތާރީހަށް ހިދުމަތް ކުރެއްވި ބޭބޭފުޅުންގެ ތެރެއިން އޭނާ ދެކެވަޑައިގެންނެވި އެންމެ މޮޅު ބޭފުޅާ ކަމުގަ އެވެ.

"ނަދުވީ އަކީ އަޅުގަނޑު ދަންނަވާނީ، ދިވެހި ތާރީހަށް ހިދުމަތް ކުރެއްވުމުގައި އަޅުގަނޑު ދުށް ބޭބޭފުޅުންގެ ތެރެއިން އެންމެ މޮޅު ބޭފުޅާ،" ނާޖިހު ވިދާޅުވި އެވެ.

ނާޖިހު ވިދާޅުވި ގޮތުގައި ނަދުވީ އަކީ ދިރާސާ ކުރެއްވުުމުގައިވެސް އާދައާ ހިލާފު މޮޅު ގޮތްތަކެއް ބޭނުން ކުރެއްވި ބޭފުޅެކެވެ.

"އަދަބިއްޔާތުގެ އިތުރުން ތާރީހު ދިރާސާ ކުރުއްވުމުގައި ގެންގުޅުއްވި ގޮތްތަކަކީވެސް، މި ދެންނެވީ ލިބިފައިވާ އިލްމާއި އެ ހުރިހާ އެއްޗެއް ބޭނުންކުރައްވައިގެން އާދައާ ހިލާފު މޮޅު ގޮތްތަކެއް ގެންގުޅުއްވި ބޭފުޅެއް ކަމަށް އަޅުގަނޑަށް ފާހަގަ ކުރެވުނީ،" ނާޖިހު ވިދާޅުވި އެވެ.

މުހައްމަދު ވަހީދު (ނަދުވީ) --

ނަދުވީ އަވަހާރަ ވިއިރު އޭނާ ގެންދެވީ ދިވެހި ބަހަށް ހިދުމަތް ކުރާ އެހެނިހެން ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އޭނާ ވަނީ ޒުވާނުންތަކެއް އިސްނަގައިގެން އުފައްދާފައިވާ "އަމަލީ ދިވެހި" ޖަމިއްޔާއަށް ވެސް އޭނާގެ އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ.

"ނަދުވީ އެންމެ ފުރަތަމަ އަޅުގަނޑާ ދިމާވި ދުވަސްކޮޅުވެސް، ސުވާލެއް އޮތިއްޔާ އެ ސުވާލެއް ކުރާ ހިސާބުންވެސް ވިދާޅުވާނެ ކޮންކޮން ފޮތް ފޮތެއްކަން އެ ސުވާލުގެ ޖަވާބު ހޯދުމަށް ބަލަންވީ. ދެން އެ ފޮތެއް ކިޔައިގެން ވެސް ރަނގަޅަށް ވާނުވާ އޮޅުން ނުފިލައިފި ކަމަށް ވަނީ ވިއްޔާ ދެން އިތުރަށް ކިޔަންވީ ލިޔުންތަކާއި އެ ހުރިހާ އެއްޗެއްވެސް ހޯދައިދެއްވާނެ." އަމަލީ ދިވެހި ޖަމިއްޔާގެ ރައީސް އަދި ނަދުވީގެ ދަރިވަރެއް ކަމަށްވާ އަލީ ރައުފަތު ސޯދިގު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހުރިހާ އެއްޗެއް ވިސްނެންދެން ރަނގަޅަށް މައުލޫމާތު ދެއްވަމުން އައި ބޭފުޅެއް އެއީ. އެއްވެސް ވަރަކަށް ރަނގަޅަށް އޮޅުން ނުފިލަނީސް އޭތި ދުލެއް ނުކުރައްވާ،" ރައުފަތު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ނަދުވީ ކުރެއްވި ހިދުމަތްތަކުގެ މުހިންމުކަން ފާހަގަ ކުރައްވައި، އޭނާ ނިޔާވުމާ ގުޅިގެން ހިތާމަ ފާޅު ކުރައްވައިފަ އެވެ.

އަޝްރަފު އަލީ ސިފަ ކުރެއްވި ގޮތުގައި ނަދުވީ އަކީ ކުތުބުހާނާގައި އިންނަވައިގެން ހިމޭން، މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ހަގީގަތުގައިވެސް އޭނާގެ މަސައްކަތްތައް މުހިންމެވެ.

ނަދުވީ ވަނީ ގައުމީ ޔުނިވާސިޓީގައި ކިޔަވައިދޭ ދިވެހި ޑިގްރީގެ މޮޑިއުލްތައް އެކުލަވާލުމުގައި އިސް ދައުރެއް އަދާ ކުރައްވާފަ އެވެ. އަދި އޭނާ ވަނީ އެ މޮޑިއުލްތައް ދަރިވަރުންނަށް ކިޔަވައިދެއްވުމުގައި އެތައް އަހަރެއް ހޭދަ ކުރައްވާފަ އެވެ.

އޭގެ އިތުރުން އޭނާ ތައުލީމީ ގޮތުން ކުރެއްވި ހިދުމަތްތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލާއި މަދަރުސަތުލް އާލިޔާގައިވެސް މުދައްރިސުކަން ކުރެއްވުން ހިމެނެ އެވެ.

ރާއްޖެ އިސްލާމްކޮށްދެއްވި ބޭފުޅަކީ ކޮބައިކަމުގެ ބަހުސަށްވެސް މިހާތަނަށް އެންމެ ފުޅާކޮށް ދިރާސާ ކުރައްވައި އިންސާފުކުރައްވައި ލިޔުއްވާފައި ވަނީވެސް ނަދުވީ އެވެ.

އޭނާ ވަނީ ފަތްތޫރައިގައި ތާރީހީ ލިޔުއްވުންތަކާއި އަދަބީ ފާޑުކިޔުއްވުމުގެ ސިލްސިލާ ލިޔުންތަކެއްވެސް ލިޔުއްވާފައެވެ. އެއީ ރާއްޖޭގައި މިހާތަނަށް އެންމެ ތަފްސީލުކޮށް ލިޔުއްވި އަދަބީ ފާޑުކިޔުންތަކެވެ.

މުހައްމަދު ވަހީދު (ނަދުވީ) --

ނަދުވީ ނިޔާވި އިރު ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ތެރޭގައި ދިވެހި ތާރީހާ ބެހޭ ގޮތުން ރާއްޖޭގައި އެންމެ ފުރަތަމައަށް އަރަބި ބަހުން ނެރެވުނު ފޮތް، ހަސަން ތާޖުއްދީނުގެ "ތާރީހު ދީބާ މަހަލް"ގައި ދިވެހި ބަހަށް ތަރުޖަމާ ނުކުރެވި އޮތް ބައި ދިވެހި ބަހަށް ތަރުޖަމާކުރުން ހިމެނެ އެވެ. އޭނާ ނިޔާވި އިރު އެ ފޮތުގައި ބާކީ ކުރަން އޮތީ އިމްލާ ކުށް ރަނގަޅު ކުރުމުގެ މަސައްކަތެވެ.

އޭގެ އިތުރުން، ރާއްޖޭގެ ފަނޑިޔާރުންނާ ބެހޭގޮތުން ފޮތެއް ލިޔުއްވުމުގެ މަސައްކަތްވެސް އޭނާ ގެންދެވީ ކުރައްވަމުންނެވެ. އަދި ދިވެހި އަދީބުންނާ ބެހޭގޮތުން ނެރުނު ސިލްސިލާ ފޮތްތަކުގެ ހަވަނަ ފޮތުގެ މަސައްކަތްވެސް އޭނާ ގެންދެވީ ކުރައްވަމުންނެވެ.

ނަދުވީ އަކީ އެކި ދާއިރާތަކުން ތައުލީމު ހާސިލުކުރެއްވި ބޭފުޅެކެވެ. އޭނާ ތައުލީމު ހާސިލު ކުރެއްވި ދާއިރާތަކުގެ ތެރޭގައި އިސްލާމީ އިލްމާއި، ޕޮލިޓިކަލް ސައިންސްގެ އިތުރުން އަދަބިއްޔާތުގެ އިލްމުވެސް ހިމެނެ އެވެ.

އޭނާ އަދަބިއްޔާތުގެ ރޮނގުން މާސްޓާސްއަށް ކިޔަވައި ވިދާޅުވީ ދިވެހި ބަހުގެ އަދީބު އަދި ކުރީގެ ރައީސެއް ކަމުގައިވާ މުހައްމަދު އަމީން ކިޔަވައި ވިދާޅުވި އިންޑިއާގެ އަލީގަޅު ޔުނިވާސިޓީންނެވެ. އޭގެ ކުރީން ކިޔަވައި ވިދާޅުވީ އިންޑިޔާގެ މަޝްހޫރު ނަދްވަތުލް ޢުލަމާ އާއި ޕާކިސްތާނުގެ ޖާމިޢާތަކުންނާއި މިޞްރުންނެވެ. މީގެ އިތުރުން އޭނާ ވަނީ މެލޭޝިއާގެ މަލާޔާ ޔުނިވާސިޓީގައި ތާރީހީ އިލްމުން ރިސާޗް މެތޮޑޮލޮޖީ ވެސް ކިޔަވައި ވިދާޅުވެފަ އެވެ.

ނަދުވީ އަކީ އަދަބިއްޔާތުގެ އިލްމުން ވެސް މަތީ ފަންތީގައި ހުންނެވި ބޭފުޅެކެވެ. އެގޮތުން އިނގިރޭސި، އަރަބި، ފަރަންސޭސި، އުރުދޫ، އަދި ގުޖުރާތީ ބަސް އޭނާ ދެނެވަޑައިގެންނެވި އެވެ.

އުމުރުފުޅުން 62 އަހަރުގައި ނަދުވީ އަވަހާރަވީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އޭރު އޭނާ ހުންނެވީ ދިވެހިބަހުގެ އެކެޑެމީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައެވެ. ނަދުވީ އަވަހާރަ ވިއިރު އޭނާ ދެ ބޭފުޅަކު ތިއްބަވައެވެ. އެއީ އަޙްމަދު ޢަލާއު ދީދީ އާއި ރަންދާ މުޙައްމަދު ވަޙީދުއެވެ. މީގެ ތެރެއިން ޢަލާއު ދީދީއަކީ ތާރީޚު ދިރާސާ ކުރައްވާ ބޭފުޅެއްގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލެކްޗަރަރއެއް ވެސް މެއެވެ.