29 Dec 2018, 15:29
ލަންޑަން (ޑިސެމްބަރު 29): ތައިލޭންޑުގެ ހޮހޮޅައެއްގައި ތާށިވި 12 ކުދިންނާއި އެކުދިންގެ ފުޓުބޯޅަ ކޯޗު ސަލާމަތް ކުރުމުގައި އެހީތެރިވި އިނގިރޭސިވިލާތުގެ ޑައިވަރުންނަށް އެގައުމުން ޝަރަފުތައް ދީފި އެވެ.
މިދިޔަ ޖޫން މަހުގެ 23ގައި ތަމް ލުއަންގް ހޮހޮޅައިގައި ތާށިވި ކުދިން ސަލާމަތް ކުރުމުގައި އިނގިރޭސި ހަތް ޑައިވަރުން ބައިވެރިވި އެވެ.
އޭގެ ތެރެއިން، ހޮހޮޅައިގައި ތިބި ކުދިން ފުރަތަމަ ހޯދި ރިކް ސްޓޭންޓަން އާއި ޖޯން ވޮލަންތެން އަށް ވަނީ އެގައުމުގައި ދޭ ދެވަނައަށް އެންމެ މަތީ މަދަނީ އެވޯޑު ކަމަށްވާ، ޖޯޖް މެޑަލް ހަވާލުކޮށްފަ އެވެ.

ހޮހޮޅައިގައި ތާށިވިކުދިން ހޮސްޕިޓަލުން ދޫކޮށްލުމަށް ފަހު ދިން ފުރަތަމަ ޕްރެސްކޮންފަރެންސްގެ ތެރެއިން--
އަދި ހަތަރު ޑައިވަރަކަށް ރާނީގެ ހިތްވަރުގަދަ ކަމުގެ އެވޯޑާއި ތިން ޑައިވަރުންނަށް މެމްބާސް އޮފް ދި މޯސްޓް އެކްސެލެންޓު އޯޑާ އޮފް ދި ބްރިޓިޝް އެމްޕަޔާ (އެމްބީއީ)ގެ ޝަރަފު ދީފައިވެ އެވެ.
ތަމް ލުއަންގް ހޮހޮޅާގައި އެ12 ކުދިންނާއި ކޯޗު ތާށިވި ފަހުން، އެކުދިން ފެނުނީ ނުވަ ދުވަސް ފަހުންނެވެ. އަދި އިންޓަނޭޝަނަލް ޑައިވަރުން ހިމެނޭ ޓީމަކުން އެކުދިން ހޮހޮޅައިން ނެރުމުގެ މަސައްކަތް ފެށީ ޖުލައި މަހުގެ އަށެއްގަ އެވެ. އެހުރިހާ ކުދިންނާއި ކޯޗު ހޮހޮޅައިން ނެރުނީ ތިން ދުވަހުގެ މަސައްކަތުންނެވެ.