ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހިމް އިސްމާއިލް (އިބްރާ) ސުޕްރީމް ކޯޓަށާއި ފަނޑިޔާރުންނަށް ތަކުރާރުކޮށް އިންޒާރުދެއްވާތީ އަދާލަތު ޕާޓީން އެކަން ކުށްވެރިކޮށްފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނަނީ ރައީސް ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހީމް އިސްމާއީލު އަދުލު އިންސާފު ގާއިމު ކުރުމުގެބާރުގެ ހުރުމަތާއި ގަދަރުވެރިކަން ކުޑަވާ ގޮތަށް ތަކުރާރުކޮށް ވާހަކަ ދައްކަވަމުން ގެންދާ ކަމަށާއި ސުޕްރީމް ކޯޓާއި ފަނޑިޔާރުންނަކީ ވަކި ބަޔަކު އެދޭހާ ގޮތަކަށް ހުކުމްކުރައްވަން ޖެހޭ ބައެއް ނޫންކަމަށެވެ.

"އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރާ މެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމުގެ އުފައްދަވަން މަސައްކަތްކުރައްވައި، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ހުރުމަތާއި ގަދަރުވެރިކަން ކުޑަވާ މޭރުމުން، ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު އިބްރާހިމް އިސްމާއިލް ތަކުރާރުކޮށް ވާހަކަ ދައްކަވަމުން ގެންދާގެންދިޔުން އަދާލަތުޕާޓީގެ ފަރާތުން އެންމެ މަތީ ދަރަޖައިގެ ކުށްވެރިކުރަމެވެ،" އެ ބަޔާންބުނެ އެވެ.

ފަނޑިޔާރުގެ އަށް ބިރުދެއްކުމުގެ ގޮތުން "ރައްޔިތުން ނެރޭނެކަމަށް" ބުނެ އިބްރާ ދެއްވި އިންޒާރަކީ ވަރަށް ވެސް "ނާތަހުޒީބު" އަމަލެއްކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ.

އަދި މިފަދަ އަމަލު ހިންގާ ފަރާތަކާ މެދު އެކަށީގެންވާ ފިޔަވަޅު ނާޅައިފި ނަމަ މި ސަގާފަތް ރާއްޖޭގައި ފެތުރި ކޯޓުތަކުގެ ހުރުމަތް ކެނޑި ޝަރުއީ ދާއިރާއާ މެދު ރައްޔިތުންގެ ހިތުގައި އޮންނަ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށް ވެސް އެ ބަޔާނުގައިބުނެ އެވެ.