29 Dec 2018, 17:00
އަންނަ އެޕްރީލް މަހު އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ވާހަކަ ދައްކަވާ ބޭފުޅުން ރައްޔިތުންގެ ލޮލުގައި އަނދުން ނޭޅުވުމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އަދި ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި އިބްރާހީމް އިސްމާއީލު (އިބުރާ) ގޮވާލައްވައިފި އެވެ.
ދެން އުފެދޭނީ ވަގުން ހިފާނެ ރައްޔިތުންގެ މަޖިލީހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކަށް އިޝާރާތް ކުރައްވައި އިބުރާ ބްރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ 2009 ވަނަ އަހަރު ވެސް އަދި 2014 ވަނަ އަހަރު ވެސް ހީކުރެއްވީ އެހެން ކަމަށާއި މި ހޮވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ހޮވާ މަޖީލީސް މެންބަރުން ކަމަށެވެ.
"ހަމަ ތިބީ އެއްބައެއް، ބަސްކިޔަން ތަފާތު ބައެއް ނެތް. ތިބީ ވަގުންނާއި ވަގުންނަށް ޖާގަ ދީގެން ތިބި މީހުން،" އިބުރާގެ ޓުވީޓްގައި ވިދާޅުވި އެވެ. "ރައްޔިތުން މިތިބީ ބޮޑު މަންޒަރު ބޮޑުކަމުން އެއް މަންޒަރެއް ވެސް ނުފެނިފައި،"
އެމްްޑީޕީގެ ޕްރައިމަރީގައި ކ. ގުރައިދޫ ދާއިރާއާށް ވާދަކުރައްވާ، މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދިލް ސަލީމްގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މާފުށީގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ، 19 ވަނަ މަޖިލީސް ވެގެން ދާނީ ރައްޔިތުން ދައުލަތަށް ދައްކާ ފައިސާ އަށް ވާނުވާ ބަލައި އަމާނާތްތެރިކަމާއި އިންސާފުވެރިކަމާ އެކު އެ ފައިސާ ބެހިގެންދާނެ ގޮތަށް އެ ފައިސާ ބަލަހައްޓައިދޭނެ ނަޒާހަތްތެރި މަޖިލީހަކަށް ކަމަށެވެ.
އިބުރާ މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ 2008 ވަނަ އަހަރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަން ބަދަލުކޮށް، އެމްޑީޕީ އަށް ރައްޔިތުން ވެރިކަން ދިނީ ވެސް ކޮރަޕްޝަނާ ދެކޮޅަށް ސާފުވެރިކަމެއް ކުރުމަށް ވައުދުވުން ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ "އެ ވީއެއްޗެއް ވެގެން" ނަޝީދުވެރިކަމުން ފޭބި އިރު ވެސް މީހުން ދައްކަމުން ދިޔައީ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ ކަމަށެވެ. އަދި އޭގެ ފަހުން އައި ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް ދެއްކީ އެ ވާހަކަ ކަމަށާއި ވަހީދަށް، ވޯޓުލީ މީހުންގެ ފަސް ޕަސެންޓް ވޯޓް ނުލިބުނީ ވެސް އެހެންވެގެން ކަމަށެވެ.
އެކަަމަކު އެ ބޭފުޅުންގެ ވެރިކަންތައް ނިމުމަށް ފަހު، ވީ އެއްވެސް ކަމެއް ނެތް ކަަމަށާއި އެ ވާހަކަތައްވީ ސަރުކާރުތައް ބަދަލު ކުރުމަށް ދެއްކި ވާހަކަތަކަށް ކަމަށެވެ. އަދި އެއިން އެއްވެސް ފަހަރަކު ރައްޔިތުންނަށް އިންސާފު ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެން އައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިހުނަށް ވުރެ ކޮރަޕްޝަނުގެ ވާހަކައިގެ އަޑުގަދަވި ކަމަށާއި ރައްޔިތުން ވެރިކަން ބަދަލުކުރީ ޔާމީންގެ ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލައިގެން ކަމަށެވެ. އަދި އެކަން ކަމަށް ވެސް އިންސާފު ލިބޭނެކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަންކަން ނިންމަން އެއްބަޔަކު ތިބޭ ނަމަ ބެލޭނީ ކޮން ކޮރަޕްޝަނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އަދި ވިދާޅުވީ މިހާރު ތިއްބެވި މެންބަރުން ތަމްސީލުކުރައްވާ މަޖިލީހަކުން ނުބެލުނު މައްސަލައެއްް ދެން ހޮވިގެން ވަކި ބަލާނެ ގޮތެއް ނުވިސްނޭ ކަމަށެވެ.
އިބުރާ ވިދާޅުވީ މިފަހަރު އޭނާ ވޯޓު ދެއްވާނީ ޕާޓީތަކުން މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށްފި ނަމަ ކޮށްދޭނެ ކަންކަން ސާފުކޮށް ބަޔާންކޮށްދިނުމުން ކަމަށެވެ.
"އަހަރުންނަށް ނުފެންނަ އެއްޗެއް ސިޔާސީ ޕާޓީތައް ހިންގާ ވެރިންނަށް ފެންނަ ކަމަށް ބުނެ، ވޯޓު ދޭން ބުންޏަސް އެކަން އެގޮތަކަށް މިފަހަރަކު ނުވާނެ." އިބުރާ ވިދާޅުވި އެވެ.
މިހާރު ހިނގާ ރައްޔިތުންގެ މަޖިލީހުން ނިންމި އެންމެ ބޮޑެތި ކޮންޓްރާވާސަލް މައްސަލަތަގުގެ ގޮތުގައި ހިމެނޭ 100 އަހަރަށް ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމުގެ މައްސަލަ އާއި 65 އަހަރުން މަތީގެ މީހުންނަށް ވެރިކަން ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީ އިސްލާހު ކުރީ ވެސް ހުރިހާ ޕާޓީތަކެއްގެ ބައިވެތިވުމާ އެކު އެވެ.